ފީފާ ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުން 20 އަހަރަށްފަހު ސްވިޑެން ޖާގަ ހޯދައިފިއެވެ.
ކުއާޓަރ ފައިނަލުން ސްވިޑެން ޖާގަ ހޯދީ ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު 29 ވަނަ މެޗަށްވާއިރު މިއީ އެ ދެ ޓީމު ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ.
ސަސްޕެންޝަނުގެ ސަބަބުން ސެބެސްޓިއަން ލާސަންއަށް މި މެޗުގައި ކުޅެވިފައިނުވާއިރު އޭނާގެ ބަދަލުގައި ސްވިޑެންގެ ޓީމުން ފެނިގެން ދިޔައީ ގުސްޓާވް ސްވަންސަންއެވެ. ހަމައެހެންމެ ސްވިޓްޒަލޭންޑްގެ ކޯޗު ވަނީ ގްރޫޕް ފިޔަވަހީގައި ކުޅުނު އެންމެ ފަހު މެޗުގައި ކުޅުނު ހަތަރު ކުޅުންތެރިޔަކު މި މެޗުގައި ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ސްވިޑެންގެ ބާގްއަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރުކޮށްލާފައެވެ. މި ހަމަލާއަށްފަހު ސްވިޓްޒަލޭންޑުން މެޗުގެ ތެރެއަށް ވަދެގެން ކުޅުނުއިރު އެޓީމުން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. ދެ ޓީމުން ވެސް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ދެ ޓީމުން ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. ދެ ޓީމުގެ ޑިފެންޑަރުން ވެސް މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޑެންއިންއިންނެވެ. މި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެމިލް ފޮސްބަރގްއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ސްވިޓްޒަލޭންޑްގެ އެމްބޯލޯ ފޮނުވާލި ހަމަލާއެއް ވަނީ ސްވިޑެންގެ ގޯލް ލައިން މަތިން ކްލިއަރކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްވިޑެންއަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެނިންމުން ހިލޭ ޖެހުމަކަށް ބަދަލުކޮށްފައެވެ.
މިއީ 1958 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވާރލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުން ސްވިޑެން މޮޅުވި ފަހުން ވާރލްޑް ކަޕެއްގައި އެޓީމު ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ސްވިޑެންގެ ތާރީހުގައި ވެސް އެޓީމު ވާރލްޑް ކަޕެއްގައި ކުޅުނު 50 ވަނަ މެޗަށްވާއިރު ވާރލްޑް ކަޕްގެ ތަށްޓަކާއި ނުލައި އެންމެ ގިނަ މެޗު މެކްސިކޯގެ ފަހަތުން އެމުބާރާތުގައި ކުޅެފައިވަނީ ސްވިޑެންއެވެ.
ކުއާޓާ ފައިނަލުގައި ސްވިޑެން ނުކުންނަ ޖެހޭނީ ކޮލޮމްބިއާ އަދި އިނގިރޭސިވިލާތް ކުޅުނު ދެވަނަ ބުރުގެ އެންމެ ފަހު މެޗުން މޮޅުވި އިނގިރޭސިވިލާތާއި ދެކޮޅަށެވެ.