ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 19:12
ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ:-ފޮޓޯ- ރައީސް އޮފީސް
ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ:-ފޮޓޯ- ރައީސް އޮފީސް
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ބާތިލް ކުރަން ހުށަހަޅާފައިވާ އެކެއް ފެބްރުއަރީގެ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ
އެކެއް ފެބްރުއަރީގެ އަމުރުގެ ބައެއް ބާތިލް ކުރަން ހުށަހެޅި މައްސަލަ އަޑުއެހުމެއް އަންގާރަ ދުވަހު އެބަ އޮތް
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރެވޭ ތުހްމަތުގައި ހުކުމް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ

ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެކެއް ފެބްރުއަރީގެ އަމުރަކީ ސައްހަ ނޫން އަމުރެއް ކަމަށް ރައީސް އަބްދުﷲ ޔާމިން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ށ. ނިލަންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ފެށުނު ހިސާބުން ނިމެންދެން އެއީ ބާތިލް އަމުރެއް ކަމަށެވެ.

"އެ އަމުރު ނެރުނީމަ އެ އަމުރު ނެރުނު ސަބަބު ދެނެގަންނަން ރައީސް ބޭނުންވީ. އެ އަމުރަކީ ފެށުނު ހިސާބުން ފެށިގެން ނިމުނު ހިސާބަށް ދިޔައިރު ވެސް ގާނޫނާ ހިލާފު އަމުރެއް. އެ އަމުރު ސައްހަ ނޫންކަން ދެން ތިއްބެވި ތިން ފަނޑިޔާރުން އެ އޮތީ ބަޔާން ކޮށްދެއްވާފައި ރައްޔިތުންނަށް،" ރައީސް ވިދާޅުވި އެވެ.  

އެމަނިކުފާނު މި ގޮތަށް ވިދާޅުވި ނަމަވެސް އެކެއް ފެބްރުއަރީގެ އަމުރު އެއްކޮން އަދި މިހާތަނަށް ބާތިލްކޮށްފައި ނެތެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަޅާފައިވާއިރު މިހާތަނަށް ވެސް އެ އަމުރު ބާތިލް ކޮށްދީފައިނުވެ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި އެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު މައްސަލައިގައި ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރައީސް ޔާމިން ކުރައްވަމުން ގެންދަވާ އެ ތުހްމަތުތަކުގެ މައްޗަށް ބިނާކޮށް އެކެއް ފެބްރުއަރީގެ އަމުރު އެއްކޮން ބާތިކޮށްދޭން ސުޕްރީމް ކޯޓުގައި އެދުމުން ވެސް އެ ކޯޓުގައި ފަހުން ތިއްބެވި ތިން ފަނޑިޔާރުން ވެސް އެކަން ކޮށްދެއްވާފައި ނުވެއެވެ.

މީގެ އިތުރުން މި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ނާޖައިޒް ގޮތުގައި ހުދޫދުން ބޭރުން ކޯޓުން ހުކުމެއް ކުރިއަސް އެމަނިކުފާނަކީ ކޯޓުގައި ތަޅު އަޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ހިނގާފައި އޮތް ގޮތް އެމަނިކުފާނު ބައްލަވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމް ކޮށްފައިވާ ގޮތް ވެސް އެނގިވަޑައިގެންނެވީ އެމަގުން ބެލުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒުނުކޮށް އެ ކޯޓުގައި އޭރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދު ސިފައިން ގޮސް ހައްޔަރުކުރި އެވެ. އަދި އެކަން ސިފައިން ކޮށްފައިވަނީ ދަންވަރުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް އެ ކޯޓުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް ވަދެ އެވެ. އޭގެ ފަހުން ހައްޔަރުކޮށްފައި ބައިތިއްބަވައިގެން އެކި ދައުވާތައް އުފުލާ ހުކުމް ކޮށްފައިވާއިރު އެކެއް ފެބްރުއަރީގެ އަމުރު ނެރުނު ގޮތާ ގުޅޭ ގޮތުން އެއްވެސް ހުކުމް މިހާތަނަށް އައިސްފައިނުވެ އެވެ.  

ރައީސް ޔާމިން މި ޖަލްސާގައި ދެން ވިދާޅުވީ ފަހަކަށް އައިސް އިވިގެން ދިޔަ އަޑުތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ކަމަށްވާނަމަ އެއީ ޑިމޮކްރަސީއެއް ނެތުން ކަމަށް ބުނާ އަޑުތައް ކަމަށެވެ.

"ބޭރުގެ ފަރާތަކުންވެސް އަޅުގަނޑަށް ޕްރެޝަރ ކުރަމުން ދިޔަ، މަޖުބޫރުކުރަމުންދިޔަ މިކަން ނުކޮށްގެން. އެކަމު އަޅުގަނޑަކީ އަޅުގަނޑު ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭ ގޮތަކަށް ހުރި މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.  

ރައީސް ޔާމިން ވިދާޅުވީ ބޭރުގެ ޕްރެޝަރުތައް އެހެން ހުރުމުން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ދިނުމަށް މަގު ކޮށްދިނުމުގެ ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ޝަރީއަތް އަވަސް ކޮށްދެއްވަން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހުކުމްތައް ކުރުމަކީ އަދި ހުކުމްތައް ބަދަލު ކުރުމަކީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ  ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ބައެއް ފަރާތްތަކުން ބޭރު ގައުމުތަކުގައި ދައްކާ ވާހަކައިން ހަގީގަތުގައި ވެސް އުނދަގޫތަކެއް އުފުލަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީ ނެތިގެން ދައްކާ ވާހަކަތަކުގެ ތެރެއިން އެހެން ދީން ތަކަށް ރާއްޖެއިން ފުރުސަތު ނުދޭތީ ބައެއް ގައުމުތަކަށް މުދާ އެކްސްޕޯޓްކުރުމުގައި ދެމުންދިޔަ އިނާޔަތްތައް ވެސް ވަނީ ހުއްޓާލާފައި ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އެހެން ނަމަވެސް އިނާޔަތްތައް ހުއްޓާލާފައިވަނީ ކޮން ގައުމުތަކުން ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ. ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް ސަރުކާރުން ބުނަމުންދާތީ ބައެއް އިނާޔަތްތައް ގައުމުތަކުން ކަނޑާލާފައިވާ ކަމަށް ވިދާޅުވިއިރު ރާއްޖެއިން އިސްލާމްދީން ގަބޫލުކުރި ފަހުން އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 ޖުލައި 2018 | އަންގާރަ 14:57
Dhaan
Yaameen isthiufaa dhehvaa avahah 2018 thiothee mihaaruvx yageenvefa