ސައުތް އެފްރިކާގައި ޖަނަވާރުން ދިރިއުޅެން ހަދާފައިވާ ޕާކެއްގެ ތެރޭގައި ގެންގުޅުނު ހަތަރު ސިންގާއެއް ސިހުރު ހެދުމަށްޓަކައި ވިހަދީ، އަނިޔާކޮށްގެން މަރާލާފިއެވެ.
އެ ސިންގާތަކުގެ ބޮލާއި ހަށިގަނޑު ވަކި ކޮށްފައިވާއިރު ބައެއް ސިންގާތަކުގެ ވަކިތައް ވެސް ވަނީ ބުރި ކޮށްފައެވެ. މި ހާދިސާ ހިނގިކަން އެ ޕާކު، "މިސްޓިކް މަންކީސް އެންޑް ފެތާސް ވައިލްޑްލައިފް ޕާކް އިން ޕްރެޓޯރިއާ" އިން ވަނީ ޔަގީން ކޮށްދީފައެވެ.
ފޭސްބުކް މެދުވެރިކޮށް އެ ހާދިސާގެ ވާހަކަ ދައްކަމުން އެ ޕާކުން ބުނީ އުފަލުގައި ދިރި އުޅެމުން ދިޔަ ޖަނަވާރުތަކެއް އެހާ އަނިޔާވެރިކޮށް މަރާލުމުން ލިބުނީ ފުން ހިތާމައެއް ކަށެވެ. ޕާކް ފަރާތުން މައުލޫމާތު ދިން ކްރިސްޓީނާ ސްސޭމަން ބުނީ ސިންގާ މަރާލުމުގެ ކުރިން އެއާ ދިމާލަށް ވިހަލާފައި ހުރި ކުކުޅުތަކެއް އުކާފައިވާ ކަމަށެވެ. އޭއްޗެހި ކައިގެން ކުޑަކުޑަ ދެ ސިންގާ ވެސް ވިހަވެފައިވާ ކަމަށް ސްސޭމަން ބުންޏެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ބުނީ ދުވަހަކު ވެސް ނުފެންނަހާ ގިނައިން އެތަނުން ވިހަ ފެނިފައިވާ ކަމަށެވެ. ސްސޭމަން ބުނީ އެތަނުން ވިހައިގެ އަސަރު ކަޑުވަން ޖެހޭނީ ހުޅު ޖަހަން ކަމަށެވެ.
އެ ޕާކުން ވަނީ ސިންގާ މެރި މައްސަލަ ތަހްގީގު ކުރުމަށް ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ކުންފުންޏަކާ މަސައްކަތް ހަވާލް ކޮށްފައެވެ. މީހަކު ދޭ މައުލޫމާތަކުން އެ މީހުން އަތުލެވިއްޖިއްޔާ، އެ މީހަކަށް އަށާރަ ހާސް ޑޮލަރު ދޭން ވަނީ ނިންމާފައެވެ.
މިކަން ކޮށްފައިވަނީ ޕާކުގެ މުވައްޒަފުންގެ ބަޔަކު ކަމަށް ވެސް ދަނީ ބެލެވެމުންނެވެ. ސަބަބަކީ އެތަނަށް ފުލުހުން އައުމަށް މިސްރާބު ޖެހުމުން އެ ކަން ކުރި މީހުން ފިލިއިރު އެތަނުގައި ބަހައްޓާފާ ދެވުނު ދަބަހުގެ ތެރެއިން މުވައްޒަފުން އަތުގައި ހުންނަ ކަހަލަ އެއްޗެހި ފެނުމުންނެވެ.
މި ކަން ކުރީ ސިހުރު ހެދުމަށް ކަމަށް ބެލެވޭ އެއް ސަބަބަކީ ސައުތް އެފްރިކާއަކީ ސިންގާ އަނިޔާ ވެރިކޮށް މަރާގެން ސިހުރު ހަދާ ގައުމަކަށް ވުމެވެ. އަނެއް ސަބަބަކީ އެ ސިންގާގެ ވަކިނެތް ކަމެވެ. އެ ގައުމުގައި ވަރަށް ބާރު މިނުގައި ސިންގާގެ ހަށިގަނޑު ގުނަވަންތައް ސިހުރު ހަދާ މީހުންނަށް ވިކެއެވެ.