ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 17:31
އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެބްރޮން ޖޭމްސް
އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެބްރޮން ޖޭމްސް
ގެޓީ އިމޭޖަސް
އެންބީއޭ
ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ޖޭމްސް ލޭކަރސްއަށް ބަދަލުވެއްޖެ
ޖޭމްސް ލޭކަރސްއަށް ބަދަލުވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށް

އެއްވެސް ޓީމަކަށް ނިސްބަތްނުވެ ހުރި އެންބީއޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެބްރޮން ޖޭމްސް އެންބީއޭގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ލޮސް އެންޖެލިސް ލޭކަރސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ޖޭމްސް ލޭކަރސްއަށް ބަދަލުވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށެވެ. ޖެހިޖެހިގެން އަށް އެންބީއޭ ފައިނަލްސް ކުޅުމަށް ފަހު ކެވެލިއަރސް ދޫކޮށް ޖޭމްސް ލޭކަރސްއަށް ބަދަލުވިއިރު އޭނާ ފްރީ އޭޖެންޓަކަށް ވެގެންދިޔައީ ކެވެލިއަރސްއާއެކު ހަދާފައިވާ އެއްބަސްވުން ޖުލައި މަހުގެ ފުރަތަމަ ދުވަހު ހަމަވުމާއި ގުޅިގެންނެވެ. މިއީ އޭނާ ކެވެލިއަރސް ދޫކޮށްލި ދެވަނަ ފަހަރެވެ.

ޖޭމްސްގެ އިންސްޓަގްރަމް އެކައުންޓްގައި އޭނާ ބުނެފައިވަނީ ފާއިތުވެދިޔަ ހަތަރު ސީޒަނުގައި އެޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އެޓީމަކީ އަބަދުވެސް އޭނާގެ ޓީމެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

ލޭކަރސްއިން ވަނީ ޖޭމްސްގެ އިތުރުން ނިއު އޯލިއަންސް ޕެލިކަންސްއަށް ކުޅުނު ރާޖޮން ރޮންޑޯ ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެނެސްފައެވެ. ހަމައެހެންމެ ގޯލްޑަން ސްޓޭޓް ވޯރިއާރސްގެ ޖަވާލް މެކްލީ އަދި އިންޑިއާނާ ޕޭސަރސްގެ ލާންސް ސްޓެފަންސަން ވެސް ޖޭމްސްގެ ފަހަތުން ލޭކަރސްއަށް ސޮއިކޮށްފައެވެ.

2003 ވަނަ އަހަރުގެ އެންބީއޭ ޑްރާފްޓްގައި ކެވެލިއަރސްއިން ފަސްޓް ޕިކެއްގެ ގޮތުގައި ނަގާފައިވަނީ ޖޭމްސްއެވެ. އެއަށް ފަހު އޭނާ ދެއްކި ކުޅުމާއެކު އޭނާ ވެގެންދިޔައީ އެންބީއޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ކެވެލިއަރސް ދޫކޮށް 2010 ވަނަ އަހަރު ޖޭމްސް ބަދަލުވި މިއާމީ ހީޓްއަށެވެ. އެޓީމާއެކު 2012 ވަނަ އަހަރުގެ އެންބީއޭ ޗެމްޕިއަންޝިޕާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭނާ ބަދަލުވީ އަނެއްކާ ވެސް ކެވެލިއަރސްއަށެވެ. އެޓީމާއެކު ފާއިތުވެދިޔަ ހަތަރު އަހަރުގެ އެންބީއޭ ފައިނަލްސް އޭނާ ކުޅުނުއިރު 2016 ވަނަ އަހަރު އޭނާ ވަނީ އެޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފައެވެ. މިއީ 52 އަހަރުގެ ތެރޭގައި އެޓީމަށް ލިބުނު ފުރަތަމަ މުބާރާތެވެ.

ޖޭމްސްގެ ސޮޔާއެކު އެޓީމު އަންނަ ސީޒަނުގައި ފެނިގެންދާނީ ވަރަށް ވަރުގަދަކޮށެވެ.

- ކޮމެންޓް