ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 14:53
ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ
ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ގާސިމްގެ ތާއީދު ވެސް އައިޝާ އަށްތަ؟
ގާސިމް ވަނީ އައިޝާއަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓުތައް ރީޓްވީޓްކުރައްވާފައި
ރަނިންގމޭޓް ކަނޑައަޅާނީ 10 ޖުލައިގައި
އައިޝާއާ ދެކޮޅަށް އެންޓި ކެމްޕެއިންތަކެއް ވެސް ބަޔަކު ދަނީ ކުރަމުން

ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ކަނޑައެޅުމަށް ތައީދުކޮށް ކޮށްފައިވާ ޓްވީޓުތަކެއް ގާސިމްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ރިޓްވީޓުކުރައްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީއަށް ވަނީ ފުރުސަތު ދީފައެވެ. އެޕާޓީން ވަކި ގޮތެއް ކަނޑައަޅާފައިނުވާ އިރު އެޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ނަންތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. 

 

ރަނިންމޭޓްގެ މަގާމާ ގުޅިވައިގެން ވާހަކަދެވޭ ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި ޑރ. އަބްދުﷲ މައުސޫމާއި، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ފުލުހުންގެ ހިދުމަތުގައި ވެސް އުޅުއްވި މުހައްމަދު ފަޔާޒު (އެފްއޭ) ގެ އިތުރުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ރަނިންމޭޓްކަން ދެއްވުމަށް ތާއިދުކުރައްވާ ކަމަށް، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލް ބައެއް މެންބަރުން ވެސް ވަނީ އެކަން ހާމަކޮށްފައެވެ.

އައިޝާއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ގެންދާއިރު، ގާސިމް ވަނީ އައިޝާއަށް ތާއިދުކޮށް ކޮށްފައިވާ ބައެއް ޓްވީޓްތައް ރިޓްވީޓްކުރައްވާފައެވެ.

.

ގާސިމްގެ އިތުރުން އެ ޕާޓީގެ ރައީސް އަލީ ވަހީދާއި ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ފަދަ ބޭފުޅުން ވަނީ ނާއިބު ރައީސްގެ މަގާމަށް އައިޝާ އެންޑޯސް ކުރައްވާފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުން ދަނީ ރަނިންގ މޭޓަކަށް އައިޝާ ނެރޭ ކަމުގައިވާ ނަމަ ވޯޓު ނުލާނެ ކަމަށް ބުނަމުންނެވެ. 

މީގެ އިތުުރުން ރަނިންގމޭޓަކަށް އަލީ ހުސައިން ކަނޑައެޅުމަށް ތާއީދުކޮށް ވެސް ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރި އިސް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެފަރާތްތަކުގެ ހިޔާލު ފާޅުކޮށްފައެވެ.

މިކަން މިހެން އޮތް އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ރަނިންގމޭޓަކު ނެރޭއިރު، އެ ބޭފުޅަކު ކަނޑައަޅާނީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ބައެއް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ އެކު ނެރޭނެ ރަނިންގމޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނީ ޖޭޕީގެ ކައުންސިލުން ކަމަށާއި ނަމަވެސް، ކައުންސިލްގެ ނިންމުން ދާނީ، ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް ބޭނުންފުޅުވާ ގޮތަށް ކަމަށް އެޕާޓީގެ އޮފިޝަލުން ވިދާޅުވިއެވެ.

 

 ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށް ދާނެ ކަމަށާއި ޖުލައި 10 ވަނަ ދުވަހު އެޕާޓީން ރަނިންގ މޭޓެއް ކަނޑައަޅާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް