ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 11:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާއެއްގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާއެއްގައި
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިއަދުވެސް އޮތީ އިއްޔެގެ ހާލަތު، އެކަމަކު ރިޔާސީ އިންތިހާބާ ބެހޭ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފި
އިއްޔެ ގާނޫނީ އަދަދު ނެތްކަމަށް މަސީހު ގަބޫލު ކުރެއްވި
އިއްޔެގެ ޖަލްސާގައި ތިއްބެވީ 27 މެމްބަރުން
އިދިކޮޅު މެމްބަރުން ބުނަނީ ޖަލްސާތައް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް

ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ގާނޫނެއް ކަމަށްވާ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ދެކޮޅު ހެއްދެވުމަށް ފަހު، އަންގާރަ ދުވަހުގެ ޖަލްސާއަށް އެބިލްތަކަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ އެމައްޗަށް އަމަލު ކުރަން ލާޒިމް އެފަދަ ގާނޫނުތަކަށް އިސްލާހެއް ފާސްކުރާއިރު، ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގައި ރިޔާއަތް ކުރަންޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މީގެ ކުރިން ދެންނެވި ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އަހަން އަޅުގަނޑު ބަލާއިރު، މި ތިން ބިލު ފާސްކުރުމަށް ވޯޓަށް އަހަން ބޭނުންވާ މެމްބަރުން މިވަގުތު ޖަލްސާގައި ހާޒިރުވެ ނެތް ވާހަކަ އަޅުގަނޑު ހަމަ ފާހަގަ ކުރަން،" ގާނޫނީ އަދަދު ހަމަކުރުމެއް ނެތި މަޖިލީހުން ގިނަ އަދަދެއްގެ ބިލުތަކެއް ފާސްކުރެއްވި ވަގުތު ރިޔާސަތު ބެލެހެއްޓެވި މަސީހު ވިދާޅުވިއެވެ.

މަސީހު އެގޮތަށް ވިދާޅުވިއިރު، ހޯމަ ދުވަހުގެ ޖަލްސާގައި ތިއްބެވީ ސަރުކާރަށް ނިސްބަތްވާ 27 މެމްބަރުންނެވެ. ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ގާނޫނެއް މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި ކަމަށްވާ މަދުވެގެން 43 މެމްބަރުން ބައިވެރިވާ ޖަލްސާއަކުން ނަގާ ވޯޓުގެ އަޣްލަބިއްޔަތުންނެވެ. 

ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް މަސީހު ދެކޮޅު ހެއްދެވި ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ތިން ބިލް ވަނީ ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައެވެ. 

އެ ތިން ބިލަކީ އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސް ދައުރެއް އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ. މީގެއިތުރުން އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެކެވެ. 

އެތިން ބިލް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދަވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް މަސީހު ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ކަމަށް ގަބޫލު ނުކުރާތީ އިދިކޮޅު މެމްބަރުން ވަނީ އޭގެ ފަހުން ބާއްވަމުންދިޔަ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އަހަން އެޖެންޑާ ކުރެވި، އަދި ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވި، އަދި ސަރުކާރުގެ ނުފޫޒުން ޖަލުގައި ބައްދުކޮށްފައިވާ މަޖިލިސް މެމްބަރުން މިނިވަންވެ، ނުވަތަ އެ މެމްބަރުންނަށް ވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭ ނަމަ ކަމަށެވެ. 

މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް