ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 01:07
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް (ވ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް (ވ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ދަފްތަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އީސީން ބުނެފި!
ރަށްވެހިކަން ބަދަލުކޮށްފި ނަމަ ވޯޓާސް ލިސްޓުގައި އޮންނަ ނަމާއި އެޑްރެހާއި ތަފާތު ވެގެން ދާނެ
ރަށްވެހިކަން ބަދަލު ކުރުމުގެ ކަންތައްތައް ޖުލައި 1 ގެ ފަހުން ނުހިންގުމަށް އިލްތިމާސްކުރި

މާލޭގެ ޚާއްސަ ދަފްތަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ރަށްވެހިކަން ބަދަލު ކޮށްފިނަމަ ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓާސް ލިސްޓުގައި އޮންނަ ނަމާއި އެޑްރެހާއި ތަފާތު ވެގެންދާނެ ކަމަށާއި އެފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

އެހެންކަމުން އައިޑީ ކާޑަށް ބަދަލުތައް ގެނެސް ރަށްވެހިކަން ބަދަލު ކުރުމުގެ ކަންތައްތައް ޖުލައި 1 ގެ ފަހުން ނުހިންގުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ސިޔާސީ ޕާޓީ ތަކުންވެސް އެޕާޓީ ތަކުގެ މެމްބަރުން މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް މިކަންކަން ގެނެސްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

1 ޖުލައި އިން ފެށިގެން 23 ސެޕްޓެމްބަރުގެ ނިޔަލަށް އެއްވެސް ގޮތަކަށް ދާއިމީ އެޑްރެސް ބަދަލު ނުކުރުމަށާއި ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ މުއްދަތުގެ ތެރޭގައިވެސް މިފަދަ ކަމެއް ނުކުރުމަށްވެސް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދަފްތަރު އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމީ ކެބިނެޓުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓް ދޫކުރުމުގައި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އީސީގެ ނަމުގައި މެސެޖްތަކެއް ދައުރުވަމުން ދާކަމުގެ މައުލޫމާތު ހޯމަ ދުވަހު އެކޮމިޝަނަށް ލިބިފައިވާ ކަމަށާއި އީސީން ރައްޔިތުންނަށް މިވަގުތު އެއްވެސް މެސެޖެއް ނުފޮނުވާނެ ކަމަށެވެ.

ރައްޔިތުން މައުލޫމާތު ހޯދުމަށްޓަކައި 1414 އަށް ކުރާ މެސެޖަކަށް މެނުވީ ޖަވާބެއް ނުދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އާންމު މައުލޫމާތު ހިއްސާ ކުރުމަށް ޓަކައި މެސެޖެއް ފޮނުވާނަމަ ކުރިން އެކަން އަންގާ އިއުލާން ކުރާނެ ކަމަށާއި އެނޫން ގޮތަކަށް ދާ މެސެޖަކީ އީސީގެ މެސެޖެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ހޭލުންތެރިވެ ސަމާލު ވުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް