ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 19:29
17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި 3 މީހުން
17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި 3 މީހުން
ޓައިމްސް އޮފް އިންޑިއާ
މަސްތުވާތަކެތީގެ މައްސަލަ
17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި
17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެއަށް ފޮނުވަން ތައްޔާރުކޮށްފައިވަނިކޮށް
އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ ކުރިން ހައްޔަރުކުރި 3 މީހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް
ހައްޔަރުކުރި 22 އަހަރުގެ ޒުވާނާ ދިޔައީ ރާއްޖެއަށް އައުމަށް ތައްޔާރުވަމުން

17 ކިލޯގެ ހަޝިޝް އޮއިލްއާއިއެކު މިދިޔަ މަހުގެ ކުރީކޮޅު އިންޑިއާގެ ޓްރިވެންޑްރަމްއިން ހައްޔަރުކުރި 3 ދިވެހިންގެ އިތުރުން، 22 އަހަރުގެ ދިވެއްސަކު މިހަފްތާގައި ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. 

ނިއު އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަމްހާރް ރަޝީދު ކިޔާ ޒުވާނެކެވެ. އޭނާއަކީ އިންޑިއާގައި ޑިގްރީއަށް ކިޔަވަމުން ދާ ޒުވާނެއްކަމަށްވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މިމައްސަލައިގައި ހައްޔަރުކުރި 3 މީހުން ތަހުޤީޤަށް ދިން ބަޔާންތަކުގެ މައްޗަށް ބިނާކޮށްކަމަށް ޓްރިވެންޑްރަމް ފުލުހުންނާއި ހަވާލާދީ އެނޫހުގައި ވެއެވެ. އަމްހާރް ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖެއަށް ފުރުމަށް ތައްޔާރުވަމުން ދަނިކޮށްކަމަށް ކެރެލާ ފުލުހުންގެ ނާރކޮޓިކްސް ސެލްގެ އެސިސްޓަންޓް ކޮމިޝަނަރ ޝީން ތަޔައްރިލްއާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނެއެވެ.

ހައްޔަރުކުރި ޒުވާނާ ޓްރިވެންޑްރަމްގެ ޕަލްކުލަންގަރަ ސަރަހައްދުގައި ދިރިއުޅޭތާ 5 އަހަރުވެއްޖެކަމަށާއި، އޭނާ އަކީ ކުރިން ހައްޔަރުކުރި 3 މީހުންނަށް މަސްތުވާތަކެތި ގެންގޮސްދޭ މީހާ ކަމަށްވެއެވެ. އަދި އޭނާ ގެންގޮސްދިނުމުން ކުރިން ހައްޔަރުކުރި 3 މީހުން ވެގެން އެތަކެތި ބަންދުކޮށް ކުކިންގ އޮއިލް ދަޅުތަކުގައި ރާއްޖެއަށް ސްމަގްލް ކުރަން ރޭވިކަމަށް އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެއެވެ. 

ހައްޔަރުކުރި ޒުވާނާއަކީ އޭގެ ކުރިން ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކެއްކަމަށްވާ 24 އަހަރުގެ އައިމަން އަހުމަދުގެ ގާތް އެކުވެރިއެއްކަމަށްވެއެވެ. އެ 2 މީހުންނަކީވެސް ގދ. ތިނަދޫއަށް ނިސްބަތްވާ 2 ޒުވާނުންނެވެ. 

ޖޫން 4 ގައި މިމައްސަލައިގައި 17 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 3 ދިވެހިން އަތުލައިގަތީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަތުލައިގަތް 3 ދިވެހިންނަކީ 27 އަހަރުގެ ޝަނީޒް މަހީރުއާއި، 24 އަހަރުގެ އައިމަން އަހުމަދާއި، 29 އަހަރުގެ އިބްރާހީމް ފައުޒާން ސާލިހުއެވެ. މީގެ ތެރެއިން ޝާނީޒްއަކީ ބައިނަލްއަޤްވާމީ ޑްރަގް ވިޔަފާރީގެ ވަރުގަދަ މީހެއްކަމަށާއި، ދެން ތިބި 2 މީހުންނަކީވެސް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވާރކްތަކާއި ގުޅުންހުރި ބައެއްކަމަށް އެމީހުން ހައްޔަރުކުރުމާއި ގުޅިގެން އޭރު އިންޑިއާގެ ނޫސްތަކުގައި ވެއެވެ. 

ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ މިމައްސަލައިގައި އިންޑިއާއިން ހާމަކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް