ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 17:13
އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއްގައި ބަލި މީހަކު އުފުލަނީ
އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއްގައި ބަލި މީހަކު އުފުލަނީ
އެމްއެންޑީއެފް
އިންޑިއާ ހެލިކޮޕްޓަރ
ޖޫން މަސް ނިމިއްޖެ، ހެލިކޮޕްޓަރތައް އަދިވެސް ހުރީ ރާއްޖޭގައި
އިންޑިއާ - ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފައި
އިންޑިއާގެ ކިބައިން އެދުނީ ހެލިކޮޕްޓަރެއް ދޭކަށް ނޫން، ޑޯނިއަރ މަތިންދާބޯޓެއް ދޭން
ޖޫން 30ގެ ކުރިން ހެލިކޮޕްޓަރތައް އަނބުރާ ގެންދަން ވަނީ އަންގާފައި

ރާއްޖެއަށް އިންޑިއާއިން ދީފައިވާ 2 ހެލިކޮޕްޓަރ އަނބުރާ ގެންދަން ދިވެހި ސަރުކާރުން އިންޑިއާއަށް އެންގި ނަމަވެސް، ހެލިކޮޕްޓަރތައް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވިއިރުވެސް ހެލިކޮޕްޓަރތައް ނުގެންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ 2 ހެލިކޮޕްޓަރަކީ އިންޑިއާގެ ކޯސްޓްގާޑްގެ ހެލިކޮޕްޓަރަކާއި ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރެކެވެ. އިންޑިއާއާއިއެކު އޮންނަ ގުޅުން ރައީސް ޔާމީންގެ ސަރުކާރުން ކުޑަކުރަމުންދާއިރު، ހެލިކޮޕްޓަރތައް ބޭނުން ނޫންކަމަށާއި، ބޭނުންވަނީ ޑޯނިއާ މަތިންދާބޯޓެއްކަމަށް ބުނެ، ހެލިކޮޕްޓަރުތަކާއި އޭގެ އިންޑިއާ ފަޅުވެރިން އަނބުރާ ގެންދަން ވަނީ އެދިފައެވެ. ދެ ހެލިކޮޕްޓަރ ބަލަހައްޓައި އޮޕަރޭޓް ކުރަން އިންޑިއާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑްގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެއެވެ. 

ހެލިކޮޕްޓަރ ގިނައިން ބޭނުންކުރަނީ ބަލި މީހުން އުފުލަން

އިންޑިއާގެ ބައެއް ނޫސްތައް ބުނާ ގޮތުން ހެލިކޮޕްޓަރުތައް އަނބުރާ ގެންދާނެ މުއްދަތު ލަސްކުރުމަށް އިންޑިއާ ސަރުކާރުން ވަނީ އެދިފައެވެ. އަދި ހެލިކޮޕްޓަރ ބަލަހައްޓާ އިންޑިއާ ސިފައިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވާ ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ. 

އިންޑިއާގެ ނޫހެއް ކަމަށްވާ ނިއުސް އެއިޓީންއަށް ދެއްވި އިންޓަރވިއުއެއްގައި ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ހެލިކޮޕްޓަރުގެ އެންމެ ފަހުގެ އަޕްޑޭޓް އެނގިވަޑައިނުގަންނަވާ ކަމަށާއި، 30 ޖޫންގެ ކުރިން ހެލިކޮޕްޓަރތައް ގެންދަން ޖެހޭނެކަން އެނގިވަޑައިގަންނަވާކަމަށެވެ. 

އިންޑިއާއިން ދީފައިވާ އެއް ހެލިކޮޕްޓަރ އޮންނަނީ ލ. ކައްދޫގައި ހުންނަ ސިފައިންގެ ވައިގެ މަރުކަޒުގައެވެ. އަދި އަނެއް ހެލިކޮޕްޓަރ އޮންނަނީ އައްޑޫ ގަމުގައެވެ. ދެ ހެލިކޮޕްޓަރ އާއްމުކޮށް ބޭނުން ކުރަމުންދަނީ ބަލި މީހުން އުފުލުމަށާއި، ކަނޑުމަތިން ގެއްލޭ މީހުންނާއި އުޅަނދު ފަހަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައެވެ. 

ރާއްޖެއިން އިންޑިއާއާއި އެކު އޮންނަ ގުޅުން ކުޑަކޮށް، އިންޑިއާގެ އެންމެ ބޮޑު އެއް ހަތުރުވެރިޔާ ކަމަށްވާ ޗައިނާއާއިއެކު އޮންނަ ގުޅުން ބަދަހި ކުރަމުންދާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމަކީ ޗައިނާ ސަރުކާރުން ރުހޭކަމެއް ނޫން ކަމަށް އިންޑިއާގެ ނޫސްތަކުންނާއި މުހައްލިލުން ބުނެއެވެ. 

ހެލިކޮޕްޓަރތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އެމްއެންޑީއެފް އިން ބުނީ އެމައްސަލައިގައި މައުލޫމާތު ދޭނީ ޑިފެންސް މިނިސްޓްރީއިން ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ބަހެއް އަދި މިކަމުގައި ނުލިބެއެވެ. 

ހެލިކޮޕްޓަރުގެ މައްސަލައިގެ އިތުރުން ދެޤައުމުން އަނެއް ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ދަތިކުރުމުގެ މައްސަލަތަކާއި، އިންޑިއާއަށް ރާއްޖެއަށް އެކްސްޕޯޓްކުރާ ކާނާގެ ބާވަތްތަކުގެ ކޯޓާގެ މިންވަރު ކުޑަކުރުން ފަދަ މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް