ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 16:35
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް: މަޖިލިސް ކުރިއަށް ގެންދާ ގޮތާމެދު ފާޑުވިދާޅުވި
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް: މަޖިލިސް ކުރިއަށް ގެންދާ ގޮތާމެދު ފާޑުވިދާޅުވި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މެމްބަރުން މަދުވުމުން ވޯޓަށް އަހަން މަސީހު ދެކޮޅު ހެދުމުން، އިދިކޮޅުގެ ފާޑުކިޔުން!
ގާނޫނު މުގުރާލި ބަޔަކު ގާނޫނުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: އިންތި
އަޅުގަނޑުމެންނަކީ ސަރުކާރަށް ކޯރަމް ހަމަކޮށްދޭން ތިބި ބައެއް ނޫން: ރޮޒައިނާ
މުހިއްމު ތިން ބިލަކަށް ވޯޓަށް އަހާފައެއް ނުވޭ

މަދު މެމްބަރުންކޮޅަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވޯޓަށް އަހަން ދެކޮޅު ހެއްދެވުމުން އިދިކޮޅު ބައެއް މެމްބަރުން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މުހިއްމު ތިން ބިލެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ މަސީހު ވަނީ ވޯޓަށް އަހަން ދެކޮޅު ހަދާފައެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި މަސީހު ވިދާޅުވީ ދެން އޮންނަ ޖަލްސާއެއްގައި އެ ބިލުތައް ފާސްކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މީގެ ކުރިން ދެންނެވި ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އަހަން އަޅުގަނޑު ބަލާއިރު، މި ތިން ބިލު ފާސްކުރުމަށް ވޯޓަށް އަހަން ބޭނުންވާ މެމްބަރުން މިވަގުތު ޖަލްސާގައި ހާޒިރުވެ ނެތް ވާހަކަ އަޅުގަނޑު ހަމަ ފާހަގަ ކުރަން،" ގާނޫނީ އަދަދު ހަމަކުރުމެއް ނެތި މަޖިލީހުން ގިނަ އަދަދެއްގެ ބިލުތަކެއް ފާސްކުރެއްވި ވަގުތު ރިޔާސަތު ބެލެހެއްޓެވި މަސީހު ވިދާޅުވިއެވެ.

މަސީހުގެ އެ ނިންމެވުމާ ގުޅިގެން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ އިދިކޮޅު މެމްބަރުންނަކީ ސަރުކާރުން ބޭނުންވާހާ ބިލެއް މަޖިލީހުން ފާސްކުރުމަށްޓަކާ ކޯރަމް ހަމަކުރަން ތިބޭ މެމްބަރުން ނޫން ކަމަށެވެ. ގާނޫނީ ހައިސިއްޔަތެއް ނެތި ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި ބައިވެރިވާން ނުޖެހޭނެ ކަމަށާއި އިދިކޮޅު މެމްބަރުން ހުށަހަޅާ އިސްލާހުތަކާއި ބަހުސްތަކަށް ސަރުކާރުން އެއްވެސް ވަރަކަށް ރިޔާއަތް ނުކުރާއިރު، ސަރުކާރުން އެދޭ ގޮތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއާ ހަވާލާ ދެއްވައި ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް މަސީހު ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ ވިދާޅުވީ ގާނޫނު މުގުރާފައި ތިބި ބަޔަކު ގާނޫނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމު ގާނޫނުތައް ފާސްކުރަން ޖެހެނީ 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވާ ޖަލްސާއެއްގައެވެ. ނަމަވެސް އެ އަދަދަށް މެމްބަރުން ނެތި ފާސްކުރި ގާނޫނޫތަކާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ހާލަތުލް ޟަރޫރާގެ ދަށުން ގާނޫނުތައް މަޖިލީހުން ފާސްކުރެވޭނެ ކަމަށެވެ. 

މަސީހު ވޯޓަށް ނާހައި މަޑުޖައްސާލީ ތިން ބިލުގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ރިޔާސީ އިންތިހާބާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ވެސް ހިމެނެއެވެ. އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލެއް ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް