ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 13:05
ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމްގެ ތެރެއިން: ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދޭނެ
ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމްގެ ތެރެއިން: ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދޭނެ
އަހުމަދު މުހުސިނު
ރާއްޖެ ޓީވީ
ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނާނެ: ރާއްޖެ ޓީވީ
ފުރުސަތުތައް ދިނުމުގައި ހަމަހަމަކަން ސިޔާސަތެއްގެ ގޮތުގައި އަބަދުވެސް ގެންގުޅެން
ފުޅާދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަށް ތަރުހީބުދީ ބާރުއަޅަން
އިނދަޖައްސާލުމުގެ މަގްސަދުގައި ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުމަކީ ބޭއިންސާފު ވާންޖެހޭނެ ސަބަބެއް ކަމަކަށް ނުދެކެން

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ދޭނެ ކަމަށް ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލް، ރާއްޖެ ޓީވީން ބުނެފިއެވެ.

އެޗެނަލްއިން ބުނެފައި ވަނީ ރާއްޖެ ޓީވީއަކީ ފުރުސަތުތައް ދިނުމުގައި ހަމަހަމަކަން ސިޔާސަތެއްގެ ގޮތުގައި އަބަދުވެސް ގެންގުޅެމުން އަންނަ ސްޓޭޝަނެއް ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމަށާއި އިސްލާމް ދީނާ ޚިލާފް ނުވާ ގޮތުގެ މަތިން އެންމެ ފުޅާދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަށް ތަރުހީބުދީ، ބާރުއަޅާ ސްޓޭޝަނެއް ކަމަށެވެ.

ރާއްޖެ ޓީވީން ބުނީ ހުރިހާ ފަރާތެއްގެ ޚިޔާލާއި ވާހަކަތައް ރާއްޖެ ޓީވީގެ ކޮންޓެންޓުގައި ހިމަނައިގެން ގެނެސްދިނުމަށް ރާއްޖެ ޓީވީގެ ނޫސްވެރިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ހުރަސްއަޅައި، ބައެއް ޕޯޑިއަމްތަކުން ރާއްޖެ ޓީވީގެ މައިކް ނެގުމަށް އަންގައި، އަދި އިވެންޓްތަކަށް ދިއުމުން ވަނަނުދީ ހުރަސްއަޅައި ބޭރުކޮށް، ފުރައްސާރަކޮށް އަދި ބޭއިންސާފުން ސްޓޭޝަން އިނދަޖައްސާލުމުގެ މަގްސަދުގައި ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުން ފަދަ ކަންކަން ރާއްޖެ ޓީވީއަށް ތަޖްރިބާ ކުރަން ޖެހިފައި އޮތުމަކީ ރާއްޖެ ޓީވީން އެހެން ފަރާތްތަކާ މެދު ކަންކުރުމުގައި ބޭއިންސާފު ވާންޖެހޭނެ ސަބަބެއް ކަމަށް އެ ސްޓޭޝަނުން ނުދެކޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ރާއްޖެ ޓީވީން ހަމަހަމަ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އަދި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކާ އެކު މަޝްވަރާތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ސްޓޭޝަނުން ދަނީ ވަމުން ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީއަކީ މިވަގުތު ދިވެހިން އެންމެ ގިނައިން ބަލާ ދިވެހި ޗެނަލްއެވެ. އަދި ޚަބަރާ މައުލޫމާތު، 24 ގަޑިއިރު ފޯރުކޮށްދޭން ފުރަތަމަ ފަށާފައި ވަނީ ވެސް ރާއްޖެ ޓީވީންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް