ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 13:12
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ސްރީލަންކާގައި ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ސްރީލަންކާގައި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު
ސައްހަ އިންތިޚާބެއް ކަށަވަރުކުރުމަށް އަވަސް އިސްލާހުތަކެއް ބޭނުންވޭ: ނަޝީދު
ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސާލިހު ކަމަށް ވަނީ ކަނޑައަޅާފައި
ސަރުކާރުން ވަނީ އެމްޑީޕީގެ ނިންމުމަށް މަރުހަބާ ކިޔާފައި

ގާނޫނުއަސާސީގައި ވާ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށް އަވަސް އިސްލާހުތަކެއް ބޭނުންވާ ކަމަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، މުހައްމަދު ނަޝީދު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ނުހައްގުން ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރުގައި ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު، ރައީސް ޔާމީން "ވަގަށް" ނަންގަވަން އުޅުއްވާ ކަމަށް މިހާތަނަށް ފެނުނު ހެކިތަކުން އެނގިވަޑައިގަންނަވާ ކަމަށެވެ.

"ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު ވާހަކަތަކަށް ދިއުމަށް" ސާޅީސް ހާހަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާ އެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި ނަޝީދު ވިދާޅުވެފައިވެއެވެ.

 

ރިޔާސީ އިންތިޚާބުގެ ކުރިން ގާނޫނުތަކަށް ގެންނަ އިސްލާހުތަކެއް ކަމަށް ބުނެ ސަރުކާރުން ވަނީ ގާނުނުތަކަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު، ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ ބަދަލުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

އެ އިސްލާހުތަކަކީ ސީދާ ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ.

މަޝްވަރާއަށް ނަޝީދު ގޮވާލައްވާފައިވާއިރު އާދީއްތަ ދުވަހު ސަރުކާރުންވަނީ މަޝްވަރާއަށް ގޮވާލާފައެވެ.

ސަރުކާރުން މީގެ ކުރިން މަޝްވަރާއަށް ގޮވާލާފައި ވަނީ އެތެރެ އާއި ބޭރުގެ ޕްރެޝަރ ސަރުކާރަށް ބޮޑުވާ ދަނޑިވަޅުތަކުގައެވެ. އަދި މަޝްވަރާއަށް ދިއުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވުމާ އެކު ސަރުކާރުން ޝަރުތުތައް ކުރިމަތިކުރެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވާއިރު، މަޝްވަރާއަށް ދާންޖެހޭ ވަރުގެ ކަމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ބަދަލުގައި ހުރީ ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް