އެމެރިކާގެ އިދާހޯ ސްޓޭޓްގެ ގެއެއްގައި ތިން އަހަރުގެ ކުއްޖެއްގެ އުފަންދުވަސް ފާހަގަ ކުރަމުންދަނިކޮށް މީހަކު ދިން ވަޅީގެ ހަމަލާގައި ތިން މީހަކާއި ހަ ކުޑަކުދިން ޒަޚަމަވެއްޖެއެވެ.
މި ހަމަލާ ދިން 30 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ލޮސް އޭންޖަލްސްއަށް ނިސްބަތްވާ ޓިމީ ކިންނާ ހަމަލާ ދީފައި ވަނީ އެގޭގައި އުޅޭ މީހަކު އޭނާ އެތަނުން ނިކުތުމަށް ބުނުމުންނެވެ. އެ ގެއަކީ ރެފިއުޖީން ބަހައްޓާ ގެއަކަށް ވާއިރު ފުލުހުން ބުނީ އޭނައަކީ ރެފުޖީއެއް ނޫން ކަމަށާއި އަދި ޚިޖުރަކޮށްފައިވާ މީހެއް ވެސް ނޫނެވެ.
އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ކިންނާގެ މައްޗަށް ދައުލަތުން ވަނީ 15 ދައުވާއެއް އުފުލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހަމަލާދިނުމާއި ގަސްތުގައި ހަމަލާ ދިނުމުގެ ނުވަ ދައުވާއެއް ހިމެނެއެވެ. އެއާއެކު އެ ސްޓޭޓްގެ ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަން ނުކުރުމަށް ވެސް ނިންމާފައެވެ. އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.
ޕޮލިހުންގެ ޗީފް ބިލް ބޯންސް އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބެލެވޭ ގޮތުގައި ކިންނާ އެ ހަމަލާތައް ދީފައި ވަނީ އޭނަ އެތަނުން ނިކުންނަން އެންގުމުން އައި ރުޅީގަ ކަމަށެވެ.
ހަމަލާ ލިބިފައިވާ ކުދިންގެ ތެރޭގައި ތިން އަހަރުން ފެށިގެން ބާރަ އަހަރުގެ ދެމެދު ކުދިން ހިމެނޭ ކަމަށް ބޯންސް ވިދާޅުވިއެވެ. ބޮޑެތި ތިން މީހުންނަށް އެ ހަމަލާގައި އަނިޔާ ވެފައިވާއިރު ހަތަރު މީހަކަށް ވަނީ ފުރާނައަށް ނުރައްކާވެފައެވެ. ބޯންސް ވިދާޅުވީ ހަމަލާ ދިން މީހާއަށް އޭނަގެ ޝިކާރައަށްވި މީހުންތައް ނޭނގޭ ކަމަށެވެ.
އިޑާހޯގެ ނޫސް މަޖައްލާއެއް ބުނެފައިވާ ގޮތުން އެ މީހާ ހަމަލާދިން ގޭގެ ރައްޔިތުން ބަލަހައްޓަނީ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނަކުންނެވެ.