ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 11:18
ރައީސް ނަޝީދާއި ގާސިމް އިބްރާހީމް
ރައީސް ނަޝީދާއި ގާސިމް އިބްރާހީމް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ރައީސް ނަޝީދަށާއި ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ އިސްލާހު މިއަދު ފާސްކުރަނީ!
ބޭރު ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ވާންޖެހޭ
ބޭރު ގައުމެއްގެ ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ވާންޖެހޭ
ބޭރު ގައުމެއްގެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރު ވާންޖެހޭ

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްދައުރެއް އަދާ ކުރައްވާ ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ރިޔާސީ އިންތިހާބާގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ހޯމަ ދުވަހު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހެޅުއްވާފައިވާ އިސްލާހު ދިރާސާ ކުރެއްވިއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އެ އިސްލާހު ގެނައުުގެ ބިލަށް އިތުރު އިސްލާހުތަކެއް ހިމަނާފައެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި އެބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައް ވަނީ ކޮމެޓީއަށް ހުށަހަޅާފައެވެ.

"ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނީ އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރަށް ފަހުން. އަދި ބޭރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅެފައިވާ މީހެއް އެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރުވުން، މިއީ ވެސް ގެންނަންޖެހޭ ވަރަށް މުހިއްމު ދެ އިސްލާހު،" މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

އެ އިސްލާހުތަކަކީ ސީދާ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމަށް އަމާޒުކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ސިޔާސީ ފަރާތްތަކުންނާއި ރައްޔިތުން ބުނެއެވެ. 

ނިހާނު ހުށަހެޅުއްވި އެ އިސްލާހާއެކު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުތައްވެސް އިސްލާހު ގެނައުމުގެ އެ ބިލަށް އިތުރުކުރަން މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ކޮމެޓީން ފާސްކޮށްފައިވާ އެ ރިޕޯޓް ވަނީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. ކޮމެޓީތަކުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅޭ މަރުހަލާގައި ވެސް މެމްބަރުންނަށް އިސްލާހު ހުށަހެޅިދާއެވެ. 

އެބިލް ފާސްވާނީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ވޯޓަށް އަހައި، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންހާ ކަމެއް ކުރަމުންދާއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިއެއް ނުވެއެވެ. އިދިކޮޅު މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކުރީ ގަދަބާރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިންނަވާތީ ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ޖުލައި 2018 | ހޯމަ 08:58
ހައްވަ
ތިޔައިސްލާހަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ ހަމައެކަނީ ޔާމީން ޢަބްދުލް ޤައްޔޫމް ނަމަކަށް ކިޔާނަމަ ކަމަށް އިތުރު ކޮށްލާ