ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 07:08
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އިބްރާހިމް މުހައްމަދު ސޯލިހު އާއި، ޕާޓީގެ ބައެއް މެމްބަރުން
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އިބްރާހިމް މުހައްމަދު ސޯލިހު އާއި، ޕާޓީގެ ބައެއް މެމްބަރުން
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
އިބޫއާ އެކު ސަރުކާރު ބަލިކުރެވޭނެކަމާ މެދު ޝައްކެއް ނެތް: އެމްޑީޕީ
ޕާޓީތަކުން އެކުގައި މަސައްކަތްކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދޭނެ

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ކޮންގްރެސްއިން ކަނޑައެޅި، ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ޝަރުކާރު ބަލިކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ. 

ކޮންގްރެސްގެ އަޤުލަބިއްޔަތުން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަނޑައެޅުއްވުމާ ގުޅިގެން، އިބޫއަށް މަރުހަބާ ދަންނަވައި، ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިބޫއާ އެކު ޕާޓީގެ އެންމެހައި މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތްކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދޭނެ ކަމަށެވެ. އަދި އެ މަގުން ކުރިއަށްގޮސް މިހާރު މިއޮތް ސަރުކާރު ބަލިކުރެވޭނޭކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅާފައި ވަނީ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބޭއްވި 3 ވަނަ ކޮންގްރެސްގައެވެ. 

އިބްރާހިމް މުޙައްމަދު ޞާލިޙުގެ ނަން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުމަށް ކޮންގްރެސް އަށް ޤަރާރު ހުށަހަޅާފައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނޭކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ، ޕާޓީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިން ވެސް ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޕާޓީގެ ރިޔާސީ ޕްރައިމެރީން ހޮވިވަޑައިގެން ހުންނެވި ރައީސް މުޙައްމަދު ނަޝީދު ކަމަށް އެ ޤަރާރުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް