ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 03:32
ރަޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރަޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ރަޝިއާއިން ޕެނަލްޓީގައި ސްޕެއިން ކަޓުވާލައިފި
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތީ
ޖެހި ޕެނަލްޓީގައި ރަޝިއާއިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުން
ކޯކޭ އަދި އަސްޕާސްގެ ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވޭ

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ކުއާޓާގެ ޖާގައެއް ރަޝިއާއިން ޖާގަ ހޯދައިފިއެވެ.

ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމާއެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމާއެކު ޖެހި ޕެނަލްޓީގައި ރަޝިއާއިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު އެންމެފަހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުޅުނު މެޗު ނިމިފައިވަނީ 3-3 އިން އެއްވަރުވެގެންނެވެ. މިމެޗާއި ކުރިމަތިލިއިރު އެންމެފަހުން ކުޅުނު 23 މެޗުގައި ވެސް ސްޕެއިން ބަލިވެފައެއް ނުވެއެވެ.

މި މެޗުގައި ސްޕެއިންގެ ފަރާތުން ތިން ބަދަލެއް ފެނިގެންދިޔައިރު ރަޝިއާގެ ކޯޗު ވަނީ އެޓީމަށް ފަސް ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ސްޕެއިންއަށް ފުރަތަމަ ފަހަރަށް ލީޑު ލިބިގެންދިޔައީ މެޗުގެ 12 ވަނަ މިނެޓުގައި ރަޝިއާގެ ސާޖީ އިގްނަޝިއޭވް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ރަޝިއާއިން ވަނީ މެޗުގެ 41 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަރޓެމް ޒޫބާއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ސްޕެއިންގެ ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ރަޝިއާގެ ކީޕަރު އީގޮރ އަކިންފީވްއެވެ.

ދެވަނަ ހާފު ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތްއިރު ދެން ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފެވެ. މި ދެ ހާފުގައި ވެސް ސްޕެއިންއިން ގަދަޔަށް ކުޅުނުއިރު އެޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމަށް ރަޝިއާގެ ޑިފެންސުން ވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އިތުރު ވަގުތުގެ ދެ ހާފު ނިމިގެންދިޔައިރު ވެސް މި މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމާއެކު ދެން ޖަހާފައިވަނީ ޕެނަލްޓީއެވެ.

ސްޕެއިންގެ ފުރަތަމަ ދެ ޕެނަލްޓީ އަންދްރޭސް އިނިއެސްޓާ އަދި ޖެރާޑް ޕީކޭ ކާމިޔާބުކުރިއިރު ސާޖިއޯ ރާމޯސް ވެސް އޭނާގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ސްޕެއިންގެ ކުޅުންތެރިންގެ ތެރެއިން ކޯކޭ އަދި އިއާގޯ އަސްޕާސް ޖެހި ޕެނަލްޓީ ރަޝިއާގެ ކީޕަރު ދިފާއުކުރިއެވެ. ރަޝިއާގެ ކުޅުންތެރިންގެ ތެރެއިން ޑެނިސް ޗެރިޝޭވް އާއި އެލެކްޒެންޑަރ ގޮލޮވިން އާއި ފެޑޯރ ސްމޮލޯވް އަދި ސާޖީ އިގްނަޝިއޭވް ޖެހި ޕެނަލްޓީތައް އެކުޅުންތެރިން ކާމިޔާބުކުރިއެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކުއާޓާގެ ޖާގައެއް ރަޝިއާއިން ހޯދާފައިވާއިރު މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ފުރުސަތު ވެސް އެޓީމަށް އެބައޮތެވެ. ސްޕެއިން ކެޓުމާއެކު މިއަހަރުގެ ވާރލްޑް ކަޕްގައި ވާދަކުރި ބޮޑެތި ގިނަ ޓީމުތައް ވަނީ ކަޓާފައެވެ.

- ކޮމެންޓް