އިނގިރޭސިވިލާތުގެ ކެޕްޓަން ބޭންޑް އެޅުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ފުރަތަމަ ދެކުނު ނަމަވެސް އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް ހެރީ ކޭން ބުނެފިއެވެ.
ޖޯޑަން ހެންޑަސަން އަތުގައި އޮތް އިނގިރޭސި ކެޕްޓަން ބޭންޑް ކޭންއަށް ދިނީ ވާރލްޑް ކަޕްގެ ކުރިންނެވެ. އެކަމުގެ މިހާރު ވެސް އޭނާ އަދާކޮށްފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހި ފަހަނައަޅައި އިނގިރޭސިވިލާތް ގޮސްފައިވާއިރު ގްރޫޕް ފިޔަވަހީގައި ކޭން ފަސް ލަނޑު ޖެހިއެވެ. އޭނާ މި ލަނޑުތައް ޖެހީ ކުޅުނު ދެ މެޗުގައި ކަމަށްވާއިރު މިވަގުތު ރަން ބޫޓުގެ އެންމެ ކުރީގައި ވެސް އޮތީ ކޭންއެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޭން ބުނީ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި އޭނާއަށް ކެޕްޓަނެއްގެ ވަޒީފާ އަދާކުރުން ވަރަށް ފަސޭހަވެފައިވާ ކަމަށެވެ. އޭނާއަށް އެކަން ކުރަން ފަސޭހަވާ މައިގަނޑު ސަބަބަކީ ޓީމުގައި އެ ރޯލު އަދާކުރާ ގިނަ އަދަދެއްގެ ކުޅުންތެރިން ތިބުން ކަމަށް ކޭން ބުނެފައިވެއެވެ.
ކޭން ބުނީ ކަމެއް ގޯސްކޮށްދާނަމަ އެކަމުގެ ވާހަކަ ހުރިހާ ކުޅުންތެރިން ވެސް ދައްކާ ކަމަށާއި ވަކި މީހަކާއި ވާހަކަ ދައްކަން އެއްވެސް ކުޅުންތެރިޔަކު މަޑުނުކުރާ ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް އެއްގޮތަކަށް އަމަލުކުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްވެސް ކުޅުންތެރިޔަކު އެހީތެރިކަމެއް ބޭނުންވާނަމަ އެކަމެއް ކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ކޭން ބުނެފައިވެއެވެ.
ވާރލްޑް ކަޕްގެ ކުރިން ކޭން ބުނީ ކެޕްޓަނެއްގެ ގޮތުގައި ޕްރެޝަރު އޮތުމަކީ ރަނގަޅު ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ކެޕްޓަނަށްވުމާއެކު އެ ޕްރެޝަރު ބޮޑުވާނެކަން އެނގޭ ކަމަށެވެ. އޭނާ ބުނީ މިހާރު ހުރި މަގާމަށް އައުމަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށެވެ. އިނގިރޭސި ޖާޒީލާ ކޮންމެ ފަހަރަކު ވެސް އޭނާއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް ކޭން ބުނެފައިވެއެވެ.
އުމުރުން 24 އަހަރުގެ ކޭން މިދިޔަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި 30 ލަނޑު ޖެހިއިރު ގްރޫޕް ފިޔަހީގައި ޕެނަމާ ކޮޅަށް އޭނާ ހެޓްރިކް ވެސް ހެދިއެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 26 މެޗު ކުޅެދީ 18 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ.