ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 22:27
ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މަޝެރާނޯ މެސީއާއެކު
ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މަޝެރާނޯ މެސީއާއެކު
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ބައިނަލްއަގްވާމީ ފުޓްބޯޅައިން މަޝެރާނޯ ރިޓަޔާ ކޮށްފި
މަޝެރާނޯގެ އިތުރުން އެޓީމުގެ މިޑްފީލްޑަރު ލޫކަސް ބިގްލިއާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި
މަޝެރާނޯގެ ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާއަށް 145 މެޗު ކުޅެދީފައި

އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އެގައުމުގެ މިޑްފީލްޑަރު ހަވިޔާ މަޝެރާނޯ އިއުލާނު ކޮށްފިއެވެ.

މަޝެރާނޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ފްރާންސް އަތުން 4-3 އިން ބަލިވެ އާޖެންޓީނާ މުބާރާތުން ކެޓި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. މިއަހަރުގެ ވާރލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގައި އެންމެ މިނެޓެއް ވެސް ވައްޓާނުލާ އޭނާ ކުޅުނެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން މަޝެރާނޯ ބުނީ މިއީ އޭނާ ގައުމީ ޓީމަށް ކުޅެދޭނެ އެންމެ ފަހު މެޗު ކަމަށާއި މި މެޗަށް ފަހު އޭނާއަކީ ގައުމީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ މީހެއް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ މިހާރު ޓީމަށް ނުކުރެވުނު ކަންތައްތައް އެހެން ޓީމަކަށް ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި އަބަދުވެސް ޓީމަށް ސަޕޯޓް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ. އޭނާ ބުނީ މުބާރާތެއްގެ ތަށި ލިބޭނެ ކަމަށް އުއްމީދުކުރަން ޖެހޭ ކަމަށާއި އާޖެންޓީނާއަށް އަނެއްކާ ވެސް ބޮޑު މުބާރާތެއްގެ ތަށި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މެޗާއި ގުޅޭގޮތުން އޭނާ ބުނީ ފުޓްބޯޅައަކީ އެއީ ކަމަށާއި މެޗު އޮތީ އެޓީމުގެ ކޮންޓްރޯލްގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. ފްރާންސްއިން ލަނޑު ޖެހީ މެޗުގެ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި އެހިސާބުން މެޗު ބަދަލުވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ ފްރާންސްގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ވާރލްޑް ކަޕްގައި އެޓީމަށް ދުރަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް މަޝެރާނޯ ބުންޏެވެ.

މިއަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމުގައި ނުކުތް އާޖެންޓީނާގެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން މަޝެރާނޯއަކީ ލީޑަރެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއް ކުޅުންތެރިޔަކަށް އެންމެ ބޮޑު ފާޑުކިޔުމެއް ވެސް އަމާޒުވީ އޭނާއަށެވެ. ވަކިން ހާއްސަކޮށް ގްރޫޕް ފިޔަވަހީގައި 3-0 އިން ކްރޮއޭޝިއާ އަތުން އާޖެންޓީނާ ބަލިވި މެޗުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމަށް ވަރަށް ގިނަ ބަޔެއްގެ ފާޑިކިޔުން އަމާޒުވިއެވެ.

މަޝެރާނޯގެ އިތުރުން އެޓީމުގެ މިޑްފީލްޑަރު ލޫކަސް ބިގްލިއާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

މަޝެރާނޯގެ ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާއަށް 145 މެޗު ކުޅެދީފައެވެ. މަޝެރާނޯއަކީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮލިމްޕް ގޭމްސް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް އޭގެފަހުން 2014 ވަނަ އަހަރުގެ ވާރލްޑް ކަޕާއި ހަތަރު ކޮޕާ އެމެރިކާގެ ފައިނަލަކުން އޭނާ ވަނީ އާޖެންޓީނާއާއެކު ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް