ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 15:56
ޕީޕީއެމް ރެޖިސްޓްރީ ކުރުމުގެ މަސައްކަތުގެ ތެރެއިން
ޕީޕީއެމް ރެޖިސްޓްރީ ކުރުމުގެ މަސައްކަތުގެ ތެރެއިން
ފޭސްބުކް
ފާރިސް މައުމޫން
ފާރިސްއަކީ ޕީޕީއެމްގެ އެއް މުއައްސިސް، ހުކުމަކީ ބޭއިންސާފު ހުކުމެއް: ގުޅިފައިވާ ޕާޓީތައް
ތަހުގީގު ކުރަމުން ދިޔައިރުވެސް ފާރިސަކީ ޕީޕީއެމް މެމްބަރެއް
ޕީޕީއެމްގެ ރައީސް ތަމްސީލް ކުރުމުގެ ބާރު ފާރިސަށް ލިބިދީފައިވޭ
ރައީސް ތަމްސީލް ކުރައްވާއިރު ދިދައާއި ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ލިބިގެންވޭ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެޕާޓީގެ މުއައްސިސް ކަމަށާއި ޝަހުސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރި އިރުވެސް ފާރިސަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ މެމްބަރެއް ކަމަށެވެ. އަދި ފާރިސް ޝަހުސު އޮޅުވާލި ކަމަށް އެބުނާ ޕްރެސްގައި މީޑިއާ އާއި ހިއްސާ ކޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ކަމަށް ވެސް އެބަޔާނުގައި ވެއެވެ. 

އެހެންކަމުން ޕީޕީއެމްގެ ރައީސް ތަމްސީލުކުރައްވާ އިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެތަނެއްގައި ހުރުމަށް ޕީޕީއެމްގެ އެއްވެސް ގަވައިދެއް ހުރަސް ނާޅާ ކަމަށާއި އަދި ޕީޕީއެމްގެ ރައީސް ގެ ފަރާތުން ތަމްސީލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގެ ބާރު ޕީޕީއެމްގެ އަސާސީ ގަވާއިދުން ޕީޕީއެމްގެ ރައީސަށް ލިބިގެންވާ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި، ގާނޫނުއަސާސީއާ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ހައްގުތަކުން މަހުރޫމްކޮށް ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ގެންގޮސްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ހައްގުތައް ގެއްލިގެންދާގޮތަށް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ފާރިސްގެ މައްޗަށް ހުކުމެއް ކުރުމެއް ނެތި 11 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި މިއީ މިސަރުކާރުން ގަސްތުގައި ފާރިސަށް ދީފައިވާ އަނިޔާއެއް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ވެއެވެ.

އެންމެ ފުރަތަމަ ފާރިސް ހައްޔަރު ކުރެވުނު ދުވަހު ވެސް އަދި އޭގެ ކުރިން އެކިފަހަރުމަތީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނު ފަހަރަތަކުގައި ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އަދި މިހާރު ވެސް ޔަގީންކަން ދެއްވާކަމަކީ ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ޖިނާއީ ކުށުގެ އަމަލުތަކެއް ކަމަށް ބުނެ ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ސިޔާސީ ނުފޫޒަށް ތަބާވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ޝަރީއަތްތައް ވެސް ކުރިޔަށް ގެންދަވަނީ ސިޔާސީ ނުފޫޒުގެ ތެރޭގައި ވަކިބޭފުޅަކު ބޭނުންވާ ގޮތަށް ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށާއި ފާރިސްގެ އެވާހަކަތައް މިހާތަނަށް ވެސް ޝަރުއީ ކޯޓުތަކުގެ އެކި މަރުހަލާތަކުގައި ހިނގަމުންދާ މައްސަލަތަކުން ފާޅުކަން ބޮޑުގޮތެއްގައި ހާމަވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. ދައުލަތުގެ މުއައްސަސާތަކާއި މަގާމުތަކުގައި ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ބޭފުޅުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާއަށް ޣާފިލުނުވެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް ވެސް ފާރިސް މައުމޫން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވާކަން ވެސް ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ބޭއިންސާފުން ކިތަންމެ ބައިވަރު ހުކުމެއް ކުރިޔަސް އިންސާފު އަރާ ހަމަކުރާނެ ދުވަހެއް ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާރިސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ދިވެހި ރައްޔިތުންގެ ހައްގުގައި ފާރިސް ވެވަޑައި ގަންނަވަމުންގެންދަވާ ގުރުބާނީއަށް ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ސާބަސް ދަންނަވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އަދި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ކުރަމުންގެންދަވާ އިސްލާހީ މަސައްކަތުގައި ފާރިސް ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް އެބަޔާނުގައި ވެއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރެފައިވާ އެބަޔާން ނިންމާލަމުން ވަނީ ފާރިސާއި އެންމެހާ ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް