ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 14:07
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ނޫސް ވެރިންނަށް މައުލޫމާތު ދެއްވަނީ
ބީއެމްއެލް
ބީއެމްއެލްގެ ޚިދުމަތްތައް
ރާއްޖެއިން ބޭރަށް ފަސޭހައިން ފައިސާ ފޮނުވޭނެ ނިޒާމެއް ބީއެމްއެލްއިން ތައާރަފްކޮށްފި
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން ޓީޓީއެއް ބޭނުމެއް ނުވާނެ
އާންމުކޮށް ބޭރަށް ފޮނުވާ ވަރަށް ވުރެ އަވަސްކޮށް ލާރި ފޮނުވޭނެ
މިވަގުތު ދުނިޔޭގެ 23 ގައުމަކަށް މި ޚިދުމަތް ލިބޭނެ

ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭރު ދުނިޔޭގެ ގައުމުތަކަށް ފައިސާ ފޮނުވޭނެ ނިޒާމެއް ތައާރަފް ކޮށްފިއެވެ. މި ޚިދުމަތް ތައާރަފްވުމާއެކު މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ލުއި ފަސޭހަކަމާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ.

މި ޚިދުމަތާ ބެހޭ މައުލޫމާތު ދޭން އަމީނީ މަގުގެ ބީއެމްއެލް ބްރާންޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ޓީޓީއަކާ ނުލައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށެވެ. ކޮންމެ ގަޑިއެއްގަވެސް މި ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ މި ވަގުތު ވެސް 23 ގައުމަކަށް މި ޚިދުމަތް ލިބިގެންދާ ކަމަށެވެ. އަދި މި ޚިދުމަތް ދިވެހި ރައްޔިތުންގެ އިތުރުން، ބިދޭސީންނަށް ވެސް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފޮނުވާ ފައިސާ ލިބޭނީ އެ ފޮނުވާ ގައުމެއްގެ ފައިސާއިންކަމަށާއި މިސާލަކަށް މެލޭޝިއާއަށް ފޮނުވާނަމަ އެ ގައުމުގައި ހުންނަ މީހާއަށް ލިބޭނީ އެގައުމުގެ ފައިސާ ކަމަށްވާ "ރިންގިޓް" އިންކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ތައާރަފްކުރެވުނު "އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ" ޚިދުމަތް ލިބޭނީ ބީއެމްއެލް މޮބައިލްޕޭ އެޕް މެދުވެރިކޮށެވެ. މި އެޕް މެދުވެރިކޮށް ދުވާލަކަށް 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. ފަސޭހަކަމާއެކު ބީއެމްއެލް މޮބައިލްޕޭ އެޕް ޑައުންލޯޑްކޮށްގެން ފައިސާ ފޮނުވޭއިރު، ފޮނުވާ ގައުމާއި ފޮނުވަން ބޭނުންވާ އަދަދު ޖެހުމުން ވަގުތުން އެކްސްޗޭންޖް ރޭޓް ފެނިގެންދާނެއެވެ.

މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވުމުގެ ޚިދުމަތުގެ އަގު 5 ޔޫއެސް ޑޮލަރުން ފެށޭއިރު އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތުގެ އަގު ވެގެންދާނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މި ޚިދުމަށް ތައާރަފް ކުރަމުން ބުނީ އެ ބޭންކްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ވީހާވެސް ބޮޑަކަށް ފޯރުކޮށްދިނުމެވެ.

- ކޮމެންޓް