ތެލުގެ އަގު މައްޗަށް ދިއުން ހުއްޓުވުމަށް ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ކިބައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ.
ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރޭ ތެލުގެ އަދަދު ދެ މިލިއަން ފީފާ އިތުރުކޮށް ދެއްވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަރިހުން އެދިވަޑައިގެންފައިވާކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ތެލުގެ މިންވަރު އިތުރުކުރަން ޖެހެނީ ވެނެޒުއޭލާގެ ހަމަނުޖެހުމާއި އީރާނަށް އެ މިންވަރަށް ތެޔޮ ނޫފެއްދޭތީކަމަށެވެ.
މިދިޔަ ހަފްތާގައި ތެލުގެ އަގު އުފުލިފައިވާއިރު އެކަމުގެ އެއްސަބަބަކީ އެންމެ ގިނައިން ތެޔޮއުފައްދާ އެއް ގައުމުކަމަށްވާ އީރާނާއި ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ރޭވުމެވެ.
ރަޝިއާއެކޭ އެއްފަދައިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ، އޯޕެކްއިންވެސްވަނީ ތެޔޮ އުފައްދާ މިންވަރު ޖުލައިމަހުން ފެށިގެން އިތުރުކުރުމަށް އެއްބަސްވެފައެވެ.
ސައުދީ ޕްރެސް އޭޖެންސީއިންވެސްވަނީ ރައީސް ޓްރަމްޕް ސައުދީގެ ރަސްގެފާނު ސަލްމާންއަށް ފޯނުން ގުޅުއްވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ބުނުމުގެ އިތުރުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މީގެ އިތުރުން އެމެރިކާއިން ހުށަހެޅި އަދަދު ކަމަށްވާ ދުވާލަކު ދެ މިލިއަން ފީފާ އިތުރުކުރުމަށް ސައުދީ އަރަބިއްޔާއިން އެއްބަސްވިކަމެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮއުފައްދާ ގައުމުކަމަށްވާއިރު މެއި މަހު އެ ގައުމުގައި ދުވާލަކު 10 މިލިއަން ފީފާ އުފައްދާފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިތުރަށް ދުވާލަކު 1.5 މިލިއަން ފިފާއާއި ދެ މިލިއަން ފީފާއާއި ދެމެދުގެ އަދެއް އުފެއްދުމުގެ ގާބިލުކަން އެގައުމުގައި އެބަހުއްޓެވެ. ނަމަވެސް ވޯލްސްޓްރީޓް ޖާނަލްގައި ތަޖުރިބާކާރަކު ވިދާޅުވެފައިވާ ގޮތުގައި އެ އަދަދަކީ އެމެރިކާ ބޭނުންވާ އަދަދާ އެއްވަރުގެ އަދަދަކަށް ނުވާނެއެވެ.
ސައުދީ އަރަބިއްޔާގެ އޮފިޝަލަކު އެ ނޫހުގައި ވިދާޅުވެފައިވަނީ ދުވާލަކު 11 މިލިއަން ފީފާއަށްވުރެ އިތުރަށް އުފައްދަން އެ ގައުމުން ބޭނުންނުވާކަމަށާއި އަދި އެގައުމުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން މަހާރަށްވުރެ އިތުރުކުމުގެ ގަސްތެއް ނެތްކަމަށެވެ.
އެމެރިކާގެ އެންމެ ގާތް އެއްގައުމަކީ ސައުދީ ނަމަވެސް ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އޯޕެކްއަށް ފާޑުވިދާޅުވެފައެވެ.