ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 21:42
އިބޫ ޕާޓީގެ ކޮންގްރެސްގައި ވޯޓު ދެއްވަން އަތް ނަންގަވައިގެން:- މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ވިދާޅުވި
އިބޫ ޕާޓީގެ ކޮންގްރެސްގައި ވޯޓު ދެއްވަން އަތް ނަންގަވައިގެން:- މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ވިދާޅުވި
މުހައްމަދު ޝަރުހާން
އިބްރާހިމް މުހައްމަދު ސޯލިހު
އަޅުގަނޑު ހުންނާނީ މީހުންގެ މީހެއްގެ ގޮތުގައި، މީހެއްގެ އަޅަކަށް ނުވާނަން: އިބޫ
ކަންކަން ހައްލުވާނީ މަޝްވަރާކޮށްގެން
ދޫދޭން ޖެހޭ ތަނެއްގައި ދޫދޭން ވެސް ޖެހޭނެ

ދުވަހަކުވެސް މީހެއްގެ އަޅަކަށްނުވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ މީހުންގެ ވާހަކަ އަޑުއައްސަވާ މީހެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް އެ ޕާޓީގެ ކޮންގްރެސް އިން ފާސްކުރުމާއެކު ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އަދިވެސް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރައީސް ނަޝީދު ވެރިކަމަށް ހޮވޭ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދައިން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އިބޫ ވިދާޅުވި އެވެ.  

އިބޫ ވިދާޅުވީ ގައުމަށް ރަނގަޅު ބަދަލެއް ގެނައުމަށް ބޭނުންވާ ކަމަށާއި އެ ބަދަލު ގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި 25 އަހަރަށް ވުރެ ގިނަ އަހަރު ހޭދަކުރެއްވި އިބޫ ވިދާޅުވީ ހިޔާލު ތަފާތު މީހުންނާއެކު މަސައްކަތް ކުރެއްވޭނެ ކަމަށާއި މައްސަލަތައް ހައްލު ކުރެވޭނީ ދޫދޭން ޖެހޭ ތަންތަނުގައި ދޫދީގެން ކަމަށެވެ.  

ކޮންގްރެސްގެ ބައިވެރިޔަކާއެކު އިބޫ ސެލްފީއެއް ނަންގަވަނީ - އެމަނިކުފާނަށް ޓިކެޓް ލިބިވަޑައިގެންނެވީ 791 ކޮންގްރެސްމަނުންގެ އަގުލަބިއްޔަތަކުން

"މި ގައުމަށް ހަމަ ހިމޭން ވަގުތު ކޮޅެއް ބޭނުންވޭ، އިރާދަ ކުރެއްވިއްޔާ އެވަގުތުކޮޅު އަޅުގަނޑުމެން ގެނެސްދޭނަން،" އިބޫ ވިދާޅުވި އެވެ.

ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގެންނެވި ފަހުން ޕާޓީގެ މެމްބަރުންނާ މުހާތަބު ކުރައްވާ ދެއްކެވި ފުރަަތަމަ މި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ "މީހުންގެ މީހުންގެ ގޮތުގައި" ކަމަށެވެ.

އިބޫއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ފާސްކުރީ އެމްޑީޕީގެ ޕްރަމަރީން ރިޔާސީ ކެނޑިޑޭޓަކަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަ ކުރެއްވުމަށް ފުރުސަތު އެންމެ ފަހު ވަގުތުވެސް ލިބިވަޑައިގެންފި ނަމަ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ކަނޑައަޅަން ޖެހޭ ގޮތަށް ފާސްކުރި ގަރާރާއެކު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް