ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
މިއަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗެއް އުރުގުއޭއިން ކާމިޔާބުކުރިއިރު އުރުގުއޭގެ ކޮޅަށް ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ. އުރުގުއޭ ވެގެންދިޔައީ 1998 ވަނަ އަހަރު ކުޅުނު އާޖެންޓީނާގެ ފަހުން ގްރޫޕް ފިޔަވަހީގެ ހުރިހާ މެޗެއް ބައިކޮޅަށް ލަނޑެއް ވަނަނުދީ ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. އެހެންކަމުން ވާރލްޑް ކަޕްގެ ދެވަނަ ބުރަށް އުރުގުއޭ ކޮލިފައިވީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ފުރަތަމަ މެޗުގައި ސުއަރޭޒްގެ ފަރާތުން ލަނޑެއް ނުފެނުނު ނަމަވެސް ގްރޫޕް ފިޔަވަހީގައި ކުޅުނު އަނެއް ދެ މެޗުގައި ވެސް އޭނާ ލަނޑު ޖެހިއެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ ފުރަތަމަ މެޗަށްވުރެ އޭނާ ހުރީ މާ ފިޓުކޮށް ކަމަށާއި އޭނާއަކީ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކުރުމަށް މަސައްކަތްކުރާ މީހެއް ކަމަށެވެ. ކޮންމެ މެޗަކަށްފަހު ގޯސްކޮށް ކުރެވޭ ކަންކަން ބަލާ ކަމަށާއި އަދި ކޯޗާއި ޓީމުގެ ކުޅުންތެރިންގެ މެދުގައި ކަންކަން މަޝްވަރާ ކުރާ ކަމަށް ސުއަރޭޒް ބުންޏެވެ.
އޭނާ ބުނީ މިރޭގޭ މެޗަކީ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅަކަށް ހަދަން ބޭނުންވާ ކަމަށާއި މި މެޗުގައި ކުޅެން ޖެހެނީ ޔޫރަޕުގެ ޗެމްޕިއަނުންނާ ދެކޮޅަށްކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗު ކުޅެން ކެތްމަދުވެފައި ކަމަށާއި ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް ސުއަރޭޒް ބުންޏެވެ. ހަމައެހެންމެ މުބާރާތް ނިންމާލާއިރު ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުމާއެކު ނިންމާލަން ބޭނުންވާ ކަމަށް ސުއަރޭޒް ބުންޏެވެ.
އޭނާ ބުނީ އުރުގުއޭ ކުޅޭނީ އަބަދުވެސް މޮޅުވާން ކަމަށާއި ގްރޫޕް ފިޔަވަހީގައި އެއްވަނަ ލިބުނީ ވެސް ހުރިހާ ކުޅުންތެރިން ވެސް އެގޮތަށް ވިސްނަގައިގެން ކަމަށެވެ.
އުރުގުއޭގެ ޓީމު ބިނާވެފައިވަނީ އެ ކްލަބްގެ ޑިފެންސިވް ކާމިޔާބަށެވެ. ޑިއޭގޯ ގޯޑިންއާ ހޯސޭ މާރިއާ ހިމެނޭޒްގެ ފަރާތުން މި ވާރލްޑް ކަޕްގައި ފެންނަމުންދަނީ މޮޅު ކުޅުމެކެވެ. އެހެން ނަމަވެސް ފޯވާޑް ލައިންގައި ހަރަކާތްތެރިވާ ސުއަރޭޒް އަދި ކަވާނީގެ ކުޅުން ވެސް ފާހަގަކޮށްލެވެއެވެ.
ކަވާނީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ ކަވާނީއަކީ އޭނާއަށް ވަރަށް ބޮޑަށް އެނގޭ ކުޅުންތެރިޔެއް ކަމަށާއި އެކުގައި ގައުމީ ޓީމަށް ކުޅޭތާ 10 އަހަރު ވެފައިވާ ކަމަށެވެ. ދެ މީހުން ވެސް ކުޅެމުންދަނީ ގައުމު މޮޅު ކުރުމަށް ކަމަށާއި އެކަން ކާމިޔާބުކުރުމަށް ދެ މީހުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ސުއަރޭޒް ބުންޏެވެ. އެހެންކަމުން އެއްވެސް ކުޅުންތެރިޔަކު އަމިއްލަ މަސްލަހަތު ޓީމުގެ ތެރޭގައި އިސްނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސުއަރޭޒް ބުންޏެވެ.
އުރުގުއޭ އަދި ޕޯޗުގަލް ކުޅޭ ދެވަނަ ބުރުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 ގައެވެ.