ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ޔުރޭނިއަމް ފައްކާރުން އުތުރު ކޮރެއާ އިން މިދިޔަ ފަހުގެ މަސްތަކުގައި އިތުރުކޮށްފައިވާ ކަމަށް ރިޕޯޓުތަކެއް ބުނެފިއެވެ.
އެމެރިކާގެ އެންބީސީ ނިއުސް އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މިކަން ހާމަކޮށްފައިވާ އިރު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ޖޫން 12 ގައި ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނި "އުތުރު ކޮރެއާ އަކީ މިހާރު އެމެރިކާއަށް ހުރި ބިރެއް ނޫން ކަމަށެވެ."
އެންބީސީ ނިއުސް އަށް، އިންޓެލިޖެންސް އާ ގުޅުން ހުރި އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ "އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރާ ގުޅޭ ސްޓޮކްޕައިލްސް ދަށްވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަަމަށެވެ." އަދި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްވެސް ހުއްޓާލާފައި ނުވާކަމަށެވެ. އަދި މިކަންކަމުން އެގިގެން ދަނީ އުތުރު ކޮރެއާ އިން އެމެރިކާ އަށް އޮޅުވާލަން މަސައްކަތް ކުރާކަން ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.
އެންބީސީ ނިއުސް އިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމުގެ ނިޝާނެއް ނުފެންނަ ކަމަށް ކަމާބެހޭ އެކި ފާރާތްތަކާ ހަވާލާދީ ބުނިއިރު، ޖޫން 28 ގައި ވެސް އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާބެހޭ ވާހަކައެއް މީޑިއާ އަށް ތިލަވިއެވެ. އެގޮތުން އުތުރު ކޮރެއާގެ ނިއުކްލިއާ ފެސިލިޓީއެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން "38 ނޯތު" ނަމަކަށް ކިޔާ ބަޔަކު ހާމަކޮށްފައިވެއެވެ. "38 ނޯތު" އަކީ އުތުރު ކޮރެއާގެ ކަންކަން ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ އައުޓްލެޓެކެވެ. އެގޮތުން "38 ނޯތު"ގެ ތިން ރިސާޗަރުން ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ "ޔޮންގްބިއޮން ނިއުކްލިއާ ރިސާޗް ފެސިލިޓީ" ގައި މަސައްކަތްތަކެއް ވަރަށް "ހަލުވި ދުވެއްޔެއްގައި ކުރެވެމުންދާ ކަމަށް" ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. ޖޫން 21 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ފެނުންތަކާއި އަދި އުތުރު ކޮރެއާގެ ރިޕޯޓާ ބެހޭ ގޮތުން "38 ނޯތު" ގެ މެނޭޖިން އެޑިޓަރު ޖެނީޓައުން ޓްވިޓާ ގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި ބޭނުން ވަނީ ހަރުދަނާ އަދި ބުރަދަން ހުރި ޑީލެއް ކަމަށާއި "ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ބަޔާނެއް ނޫން ކަމަށެވެ."
ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވުން ބޭއްވިއެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.
ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.