ސާޖިއޯ ބުސްކެޓްސްއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށް ބްރެޒިލްގެ ކަސެމީރޯ ބުނެފިއެވެ.
މި ދެ ކުޅުންތެރިންނަކީ ވެސް މި މަގާމަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާއިރު ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ ކުރިމަތިލުންތަކުގައި މި ދެ ކުޅުންތެރިންނަކީ ނަތީޖާ ނެރުމުގައި އެހީތެރިވެދޭ ބަޔެކެވެ. މިދިޔަ ސީޒަނުގައި މި ދެ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސްޕެއިންގައި ކުޅުނު އެންމެ ބޮޑު ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދީ ބާސެލޯނާއެވެ. އެހެން ނަމަވެސް ކަސެމީރޯގެ މޮޅު ކުޅުމާއެކު ރެއާލްއިން ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދިއެވެ.
ވާރލްޑް ކަޕްގެ ދެވަނަ ބުރުގައި މެކްސިކޯއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކަސެމީރޯ ބުނީ އޭނާ ކުޅޭ މަގާމަށް ކުޅެވޭނީ ވަރަށް މަދު ކުޅުންތެރިޔަކަށް ކަމަށާއި އޭނާގެ ބަދަލުގައި އެމަގާމަށް ކުޅުންތެރިޔަކު ކުޅޭނަމަ ބޭނުންވަނީ ބުސްކެޓްސް ކުޅެން ކަމަށެވެ. އޭނާއަކީ އެމަގާމަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށް އޭނާ ބުންޏެވެ.
ކަސެމީރޯ ބުނީ ބުސްކެޓްސްއަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ދަނޑުމަތީގައި ވަރަށް ކޮލިޓީ ދައްކާ ކުޅުންތެރިޔެއް ކަމަށެވެ. ބުސްކެޓްސްގެ ފަހަތުން ދެން ވާދަކުރާނީ ފްރާންސްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޗެލްސީގެ އެންގޯލޯ ކަންޓޭ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ކަމަށެވެ.
މިއަހަރުގެ ވާރލްޑް ކަޕްގައި ބުސްކެޓްސްއާ ކަސެމީރޯގެ ކުރިމަތިލުމެއް ހަމައެކަނި ފެންނަނީ އެ ދެ ޓީމަށް ވެސް ފައިނަލުން ޖާގަ ލިބުމުންނެވެ. ސްޕެއިން އަދި ބްރެޒިލް ވެސް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ފައިނަލަށް ދިޔުމުގައި އުނދަގޫ ޓީމުތަކާއި ކުރިމަތިވާނީ ބްރެޒިލްއާ އެވެ. މުބާރާތުގައި އިތުރަށް ކުރިޔަށް ދެވޭނަމަ ބްރެޒިލް ފްރާންސްއާ ކުރިމަތިލާން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.