ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 16:48
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ވޯޓުލުން ކުރިއަށްގެންދަނީ
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ވޯޓުލުން ކުރިއަށްގެންދަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް
އިސްލާހު ހުށަހެޅުއްވީ ޝިފާޒު
އިސްލާހަށް ދެކޮޅު ހެއްދެވީ 114 މެމްބަރުން
ރައީސް ނަޝީދު އިންތިހާބުގައި ވާދަ ނުކުރައްވަން ވަނީ ނިންމަވާފައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ އެ ޕާޓީގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދިނުމަށް ފާސްކޮށްފި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި އިސްލާހު އއ. އުކުޅަހުގައި ކުރިއަށް ގެންދާ އާދަޔާ ހިލާފު ކޮންގްރެސްއަށް ހުށަހެޅުމުން އެކަމަށް އިއުތިރާޒު ކުރީ 823 މެމްބަރުންގެ ތެރެއިން 114 މެމްބަރުންނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއިގާނޫނުތަކުގެ ދަށުން ބާއްވާ އިންތިހާބަކަށް ޕާޓީގެ ޕްރައިމަރީން ހޮވި، ޕާޓީގެ ފަރާތުން ވާދަކުރުމަށް ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތަކަށް އެއްވެސް ސަބަބަކާ ހުރެ އިންތިހާބުގައި ކުރިމަތި ނުލެވިއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ އެ އިންތިހާބުގައި ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތުން ވާދަނުކުރާން ނިންމައިފި ނަމަ އެ ޓިކެޓްގައި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕަށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް