ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 16:09
އުކުޅަހުގައި ކުރިއަށް ގެންދާ ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުން: 800 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި
އުކުޅަހުގައި ކުރިއަށް ގެންދާ ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުން: 800 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދޭން ހުށަހަޅައިފި
މި އިސްލާހު މިއަދު ފާސްކުރާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދިނުމަށްޓަކައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އއ. އުކުޅަހުގައި ފަށާފައިވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްއަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޮންގްރެސް އަށް ހުށަހަޅާފައި ވަނީ ވެސް މި އިސްލާހު އެކަންޏެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން ހުށަހެޅި މި އިސްލާހުގައި ބުނެފައި ވަނީ، ގާނޫނު އަސާސީ އާއިގާނޫނުތަކުގެ ދަށުން ބާއްވާ އިންތިހާބަކަށް ޕާޓީގެ ޕްރައިމަރީން ހޮވީ، ޕާޓީގެ ފަރާތުން ވާދަކުރުމަށް ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތަކަށް އެއްވެސް ސަބަބަކާ ހުރެ އިންތިހާބުގައި ކުރިމަތި ނުލެވިއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ އެ އިންތިހާބުގައި ޕާޓީގެ ޓިކެޓް ލިބިފައިވާ ފަރާތުން ވާދަނުކުރާން ނިންމައިފި ނަމަ އެ ޓިކެޓްގައި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުންނެވެ.

ކޮންގްރެސްގެ ތެރެއިން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕަށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ. ރައީސް މިގޮތަށް ނިންމެވުމާއެކު، ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑޭޓަކަށް ހަދައި، ރަނިން މޭޓަކީ ޖޭޕީގެ މެމްބަރަކަށް ހެދުމަށް ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ވަނީ ނިންމައިފައެވެ.

އުކުޅަހުގައި ކުރިއަށް ގެންދާ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ފާސްކުރާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ގުޅިފައިވާ ހުރިހާ ޕާޓީތަކުން ވެސް އިބޫ އަށް ތާއިދު ކުރާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް