ޔޫރަޕްގެ އެކުވެރިންނާ މެދު ރައީސް ޑޮނަލްޑް ވިދާޅުވި ވާހަކަތަކެއްގެ ސަބަބުން މާޔޫސްވެވަޑައިގެން އެމެރިކާ އިން އެސްޓޯނިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިސްތިއުފާދެއްވައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފޮރިން ޕޮލިސީ މެގަޒިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޭމްސް ޑީ މެލްވިލް އިސްތިއުފާ ދެއްވަން ނިންމެވީ ރައީސް ޓްރަމްޕް ވިދާޅުވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވާކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިލާތުގެ އިއްތިހާދުން އެމެރިކާއަށް އެތެރެކުރާ ބައެއް ބާވަތްތަކުން ޓެރިފެއް ނަގަން ނިންމަވައި ނޭޓޯގެ ބައިވެރިންނަށް ފާޑުވިދާޅުވެފައެވެ.
އެމެރިކާގެ އެހެން ބައެއް ޑިޕްލޮމޭޓުން ވެސް މި ފާއިތުވި މަސްތަކުގައި ވަނީ މަގާމު ދޫކުރައްވާފައެވެ.
އެމެރިކާއިން ޕެނަމާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖޯން ފީލީ ވަނީ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޚިދުމަތްކުރުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިސްތިއުފާދެއްވާފައެވެ.
އޭގެ މަހެއް ކުރިން ނައިރޯބީގައި ހުންނެވި ސޯމާލިއާއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެލިޒަބަތު ޝެކްލްފޯޑް އިސްތިއުފާދެއްވާފައެވެ.
ފޮރިން ޕޮލިސީ ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްތިއުފާ ހުށަހަޅުއްވައި ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން އަށް އެކަމަނާ ފޮނުއްވި ސިޓީގައި އެކަމަނާ ވިދާޅުވެފައި ވަނީ އިންސާނީ ހައްގަކީ އެމެރިކާ އެންމެ އިސްކަންދޭ ކަންތައް ކަމަށް ނުހަދައި ދޫކޮށްލާފައިވާތީ އިސްތިއުފާދެއްވީ ކަމަށެވެ.
ކެރިއަރ ޑިޕްލޮމޭޓެއް ކަމަށްވާ މެލްވީ އެސްޓޯނިއާގެ ސަފީރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.
މެލްވީ ވަނީ މީގެ ކުރިން ވެސް ޔޫރަޕްގެ އެތައް ގައުމެއްގައި ޑިޕްލޮމޭޓެއްގެ ގޮތުން މަގާމުތައް ފުރުއްވާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައިވާ އޭނާގެ ބައޮގްރަފީގައި ވާގޮތުން ރަޝިއާ، ޖަރުމަނު، އަދި ފަރަންސޭސި ބަސް އޭނާ ދެނެވަޑައިގަންނަވައެވެ.