ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 10:31
އަލީ ވަހީދު
އަލީ ވަހީދު
ސޯޝަލް މީޑިއާ
ރިޔާސީ އިންތިޚާބު 2018
ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ، ރަނިންގ މޭޓް ވަރަށް އަވަހަށް ހާމަކުރާނަން: އަލީ ވަހީދު
ރަނިންގމޭޓް ވަރަށް އަވަހަށް އިއުލާންކުރާނަން

ރިޔާސީ އިންތިޚާބަކަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕަރސަން އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސްކަން ކުރައްވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިބޫއަކީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ މިހާރުގެ ލީޑަރޝިޕާއިއެކު ރަނގަޅަށް މަސައްކަތްކުރެވޭނެކަން އިބޫއަށް އެނގިވަޑައިގަންނަވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު، ރިޔާސީ ކެންޑިޑޭޓެއް އެމްޑީޕީއިން ނެރެ، ރަނިންގމޭޓެއް ޖުމްހޫރީ ޕާޓީއިން ނެރެން މިހާރު ވަނީ އެއްބަސްވެފައެވެ. ގުޅިފައިވާ ޕާޓީތަކުގެ ނިންމުމުގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ކުރީގެ ރައީސް އަދި އެޕާޓީގެ ލީޑަރ މުހައްމަދު ނަޝިދު ވަނީ އެމަނިކުފާނުގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު މިއަދު ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. 

އިބޫއަށް ތާޢީދުކުރައްވާކަމަށް އަލީ ވަހީދު ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ދިނުމަށް ތާޢީދުކުރައްވާކަމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ދަނީ ހާމަކުރައްވަމުންނެވެ. 

ރަނިންގމޭޓަކަށް ޖޭޕީގެ ކެންޑިޑޭޓެއް ހަމަޖެއްސުމަށް ޕާޓީތަކުން އެއްބަސްވިއިރު، ވަރަށް އަވަހަށް ރަނިންގމޭޓް ހާމަކުރާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރަނިންގމޭޓްއަކީ ކޮން ބޭފުޅެއްކަން ޖޭޕީއިން އަދި ހާމަނުކުރިނަމަވެސް، ޤާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާއަށް ރަނިންގމޭޓްކަން ދިނުމަށް ތާޢީދުކުރައްވާކަން ހާމަކޮށް އަލީ ވަހީދު ޓްވީޓެއް ކުރައްވާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް