ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 09:09
ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ
ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރަނިން މޭޓަކަށް ގާސިމްގެ އަނބިކަނބަލުން އައިޝާ ހަމަޖެއްސުމަށް އަލީ ވަހީދު ގޮވާލައްވައިފި
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސް ވެފައި ވަނީ ހުކުރު ދުވަހުގެ ރޭ
ޖޭޕީގެ ސްލޮޓް ހައްގުވަނީ ލީޑަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ އާއިލާ އަށް

 ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނެރޭ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ އިންތިޚާބު ހަމަޖެއްސުމަށް ޖޭޕީގެ ރައީސް އަލީ ވަހީދު ގޮވާލައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ކޯލިޝަން ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު އަދި ނާއިބު ކަމަށް އައިޝަތު ނަހުލާ އިންތިޚާބު ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ޑީއާރުޕީން އެމްޑީޕީ އަށް ބަދަލުވެވަޑައިގެން އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރެއްވުމަށް ފަހު ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވީ ޖޭޕީގެ ސްލޮޓް ހައްގުވަނީ މިވަގުތު ޖަލު ހުކުމުގައި ހުންނެވި ލީޑަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ހިތްވަރުގަދަ އާއިލާ އަށް ކަމަށެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސް ވެފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓާ އެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވަނީ ބުނެފައެވެ.

ގުޅިފައިވާ ޕާޓީތަކުން މި ނިންމުން ނިންމާފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.

އިދިކޮޅު ކެންޑިޑޭޓަކާ މެދު އެމްޑީޕީން މިއަދު ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ބެލެވޭ އިރު ގިނަ ބަޔަކު ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ. އަދި ޕާޓީގެ އިސް ގިނަ ފަރާތްތަކަކުން ވަނީ އިބޫ އަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ޖޭޕީން ނެރޭ ރަނިން މޭޓަކާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދެކެވޭ އިރު އާއިޝަގެ އިތުރުން މި ވަގުތު އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް