ކ. މާލެ
|
29 ޖޫން 2018 | ހުކުރު 20:36
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް
އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ގްރީން ޒޯނުން ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފި
ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގެ ނަމުގައި ގާނޫނާ ހިލާފް އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވަނިކޮށް ގްރީން ޒޯނުން ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގެ ނަމުގައި ގާނޫނާ ހިލާފް އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނާއި  ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ގްރީން ޒޯންގައި ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލެއް ކުރަން އުޅޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން އިޝާރާތް ކުރައްވާފައިވާ ކޮންގްރެސްއަކީ އެމްޑީޕީއިން އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ތިންވަނަ ކޮންގްރެސްއެވެ.

އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ފުލުހުން މިފަދަ އިންޒާރެއް ދީފައިވާއިރު ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއަށް އެޕާޓީގެ ކޮންގްރެސްމަނުން ފުރާފައިވަނީ ގްރީން ޒޯނުގައި ހިމެނޭ ޖެޓީތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް