ވޯލްޑްކަޕް ބާއްވާ ސްޓޭޑިއަމް ހުންނަ ސަރަހައްދަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު އެ މުބާރާތް އޮންނަ ގައުމު ކަމަށްވާ ރަޝިއާ އެލާޓަށް އައިސްފިއެވެ.
ބުރާސްފަތި ދުވަހު ލިބުނު އިންޒާރާ ގުޅިގެން ރަޝިއާ ފުލުހުން ވަނީ ވޯލްޑް ކަޕްގެ މުބާރާތް ބާއްވާ ސަމާރާ ސިޓީގައި ފޯރި މަރަން ފަށާފައެވެ. އެ ސަރަހައްދުގެ އެކިއެކި ޝޮޕިންގް މޯލްތައް ވެސް ވަނީ ފާސް ކޮށްފައެވެ. އެހެން ނަމަވެސް ނުރައްކާތެރި އެއްވެސް ކަހަލަ ގޮވާ އެއްޗެއް ނުވަތަ ހަތިޔާރެއް ވެސް ފެނިފައެއް ނުވެއެވެ.
ފޯނު ކޯލަކުން ދިން އެ އިންޒާރުގެ ސަބަބުން އެ ސަރަހައްދުގެ ހޮސްޕިޓަލުކާއި ތިން ޝޮޕިންގް މޯލް އިން މީހުން ބޭރުކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާ ކަމަށް ވެސް އެގައުމުގެ ނޫސް އޭޖެންސީއަކުން ވަނީ ބުނެފައެވެ.
އެ ގޮތުން ސަލާމަތީ ބާރުތަކުން ވަނީ ކުއްތާ ބޭނުންކޮށްގެން އެ ސަރަހައްދުން އެއްވެސް ކަހަލަ ބޮމެއް ފެނޭތޯ ބަލާފައެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ސަލާމަތީ ބާރުތަކުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނެތެވެ.