ކ. މާލެ
|
29 ޖޫން 2018 | ހުކުރު 07:11
ނިއުގެ ކުޅުންތެރިން މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ނިއުގެ ކުޅުންތެރިން މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އިމޭޖަސް.އެމްވީ
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ދިވެހި ޕްރިމިއަރ ލީގު: ފުރަތަމަ މެޗުގައި ވެސް ނިއުއިން 10 ލަނޑު ޖަހައިފި
ނިއުއާ ދެކޮޅަށް މި މެޗުގައި ކުޅުނީ ތިމަރަފުށި
މި މެޗުގައި ހަމްޕު އަދި ސެންޓޭ ހެޓްރިކް ހެދި
ޕްރިމިއާ ލީގުގައި މިއަހަރު 10 ޓީމެއް ވާދަކުރާނެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ތ. ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން 10 ލަނޑު ޖަހައިފިއެވެ.

މިއަހަރުގެ ޕްރިމިއަރ ލީގު ހުޅުވުމަށް ކުޅުނު މެޗުން ނިއު މޮޅުވީ 10-0 ގެ ނަތީޖާއަކުންނެވެ.

ނިއުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. އެޓީމުގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޖަހައިދިނީ އަކްރަމް އަބްދުލްޣަނީއެވެ. ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެޓީމުގެ ފަސްވަނަ ލަނޑު އޭގެ ހަ މިނެޓު ފަހުން ޖަހައިދިނީ ސެންޓޭއެވެ.

ފަސް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެޓީމުން ވަނީ މެޗު އެއްކޮށް ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. އެޓީމުގެ ހަވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ހަމްޕު ޖަހައިދިންއިރު ޕެނަލްޓީއަކުން 65 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ހަމްޕު އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 75 ވަނަ މިނެޓުގައި ޖެހި ލަނޑަކުންނެވެ. ނިއުގެ ނުވަވަނަ ލަނޑު އިބްރާހިމް އަތީގު (އިއްބެ) ޖަހައިދިންއިރު އެޓީމުގެ އެންމެފަހު ލަނޑު ޖަހައިދިނީ ހަސް އަދުހަމް (ސަޑޭ) އެވެ.

މި މެޗުގެ ކުރިންވަނީ މިއަހަރަށް ލީގު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއެވެ. މިނިސްޓަރުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ދިރާގުގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އަހުމަދު މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރިމިއަރ ލީގުގައި މިއަހަރު 10 ޓީމެއް ވާދަކުރާނެއެވެ. ތިމަރަފުށި މިއަހަރުގެ ޕްރިމިއަރ ލީގަށް ކޮލިފައިވީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ. މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް ކޮލިފައިވީ އެޓީމުގެ އިތުރުން ށ. ފޯކައިދޫ އާއި ބ. ފެހެންދޫ އަދި ފ. ނިލަންދޫއެވެ. ހަމައެހެންމެ މާލޭ ލީގުން ކޮލިފައިވީ ނިއުގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްއެވެ.

- ކޮމެންޓް