ކ. މާލެ
|
29 ޖޫން 2018 | ހުކުރު 07:07
ކޮލޮމްބިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކޮލޮމްބިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ކޮލޮމްބިއާ އަދި ޖަޕާން ދެވަނަ ބުރަށް، ސެނަގާލް ކެޓީ ފެއާޕްލޭ ޕޮއިންޓްއިން
ދެވަނަ ބުރުގެ ޖާގައެއް ކޮލޮމްބިއާ ހޯދީ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެން
ޖަޕާން ވަނީ 1-0 އިން ޕޮލެންޑް އަތުން ބަލިވެފައި
ސެނެގާލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޖަޕާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ ފެއާޕްލޭ ޕޮއިންޓްއިން ކުރި ލިބޭތީ

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ކޮލޮމްބިއާ އަދި ޖަޕާން ޖާގަ ހޯދިއިރު ފެއާޕްލޭ ޕޮއިންޓްއިން ކުރިނުލިބި ސެނެގާލް މުބާރާތުން ކަޓައިފިއެވެ.

ދެވަނަ ބުރުގެ ޖާގައެއް ކޮލޮމްބިއާ ހޯދީ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ވެސް މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގެ ޖާގައެއް ލިބެން އޮތީ މި މެޗުން މޮޅުވެގެންނެވެ. ސެނެގާލްގެ ޓީމުން މި މެޗުގައި ތިން ބަދަލެއް ފެނިގެންދިޔައިރު ކޮލޮމްބިއާގެ ޓީމުން ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސެނެގާލްއަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ. އެހެން ނަމަވެސް މި މެޗުގައި ކޮލޮމްބިއާއަށް ގޮންޖެހުންތަކާއި ކުރިމަތިވީ އަނިޔާވުމުގެ ސަބަބުން މެޗުގެ 31 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ދަނޑުން ބާލަން ޖެހުމުންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސެނެގާލްއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ހަމައެގޮތަށް ކޮލޮމްބިއާގެ ކުޅުންތެރިން ވެސް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކުރިއިރު އެޓީމުގެ ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ ޔެރީ މިނާއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ޖަޕާން ވަނީ 1-0 އިން ޕޮލެންޑް އަތުން ބަލިވެފައެވެ. މި މެޗާއި ކުރިމަތިލިއިރު ވެސް ޕޮލެންޑް އޮތީ މުބާރާތުން ކަޓާފައެވެ.

މި ގްރޫޕްގެ އެއްވަނަ ހަ ޕޮއިންޓާއެކު ކޮލޮމްބިއާއިން ހޯދިއިރު ދެވަނަ ހަތަރު ޕޮއިންޓާއެކު ލިބުނީ ޖަޕާނަށެވެ. ހަމައެއަދަދަށް ތިންވަނައިގައި އޮތް ސެނެގާލްއަށް ވެސް ޕޮއިންޓް ލިބުނުއިރު ހަތަރުވަނަ ލިބުނު ޕޮލެންޑަށް ލިބުނީ ތިން ޕޮއިންޓްއެވެ.

ސެނެގާލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޖަޕާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ ފެއާޕްލޭ ޕޮއިންޓްއިން ކުރި ލިބޭތީއެވެ. މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ފީފާއިން އަލަށް ތައާރަފްކުރި ގަވާއިދެކެވެ. ޕޮއިންޓްގެ ގޮތުންނާއި ފައިދާ ލަނޑުގެ ތަފާތުން އަދި ޖެހި ލަނޑުގެ ތަފާތުން ދެ ޓީމު އެއްވަރުވިއިރު ދެ ޓީމު ކުޅުނު މެޗު ވެސް އޮތީ އެއްވަރުވެފައެވެ. އެހެންކަމުން ފީފާއިން ބަލާފައިވަނީ ފެއާޕްލޭ ޕޮއިންޓަށެވެ. އެގޮތަށް ބެލިއިރު ޑިސިޕްލިން ރަނގަޅަށް ޕާފޯމް ކޮށްފައި އޮތީ ޖަޕާން ކަމަށްވުމާއެކު އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީއެވެ.

ދެވަނަ ބުރުގައި އިނގިރޭސިވިލާތާއި ދެކޮޅަށް ކޮލޮމްބިއާ ނުކުންނައިރު ޖަޕާން ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

- ކޮމެންޓް