ކ. މާލެ
|
29 ޖޫން 2018 | ހުކުރު 01:29
ބިލެތްފަހީގައި ގިނަ އަދަދެއް ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ބިލެތްފަހީގައި ގިނަ އަދަދެއް ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ޓްވިޓަރ
ށ. ބިލަތްފަހި-އެމްޑީޕީ
ބިލެތްފަހީގައި ފުލުހުންގެ ބާރުން އެމްޑީޕީ ދިދަތައް ނެގުމަށް ފަހު ފުލުހުންގެ އެއްބާރުލުމާއެކު ޕީޕީއެމްގެ ދިދައިން ރަށުތެރޭ ޒީނަތްތެރިކުރަނީ
ޖުލައި ދެވަނަ ދުވަހު ރައިީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
އެމްޑީޕީ ސަޕޯޓަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި
އެމްޑީޕީ މީހެއްގެ އަމިއްލަ ގޭގައި ވެސް ޖަޒީރާ ރައީސް ގެ ފޯސްޓަރެއް ހަރުކުރުމުގެ ފުރުސަތު ނުލިބޭ

ށ. ބިލެތްފަހީގައި ފުލުހުން މެދުވެރިކޮށް އެމްޑީޕީން ޖަހާފައިވާ ދިދަތަކާއި ޕޯސްޓަރުތައް ނެގުމަށްފަހު ފުލުހުންގެ އެއްބާރުލުމާއެކު ޕީޕީއެމްގެ ދިދަތައް ޖަހާ މުޅިރަށް ޒީނަތްތެރި ކުރަން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީގައި އެމްޑީޕީ ހަރަކާތްތައް ހިންގަން އިސްކޮށް ހުންނަވާ މުހައްމަދު އާގިލް ވިދާޅުވީ ރައީސް ޔާމިން ޖުލައި 2 ވަނަ ދުވަހު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމްޑީޕީން ޖަހާފައިވާ ދިދަތަކާއި، ހަރުކޮށްފައިވާ ފޯސްޓަރުތައް ނައްޓާލައިގެން ގެންގޮސްފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި އާގިލް ވިދާޅުވީ އެމްޑީޕީގެ ދިދަތައް ނެގުމަށް ފަހު މިހާރު ހުރީ ޕީޕީއެމްގެ ދިދަތައް ބަނދަރުގައާއި ރަށު ތެރޭގައި ޖަހާފައި ކަމަށެވެ. އެމްޑީޕީ މީހެއްގެ ގޭގައި ވެސް ޖަޒީރާ ރައީސް ގެ ފޯސްޓަރެއް ހަރުކުރުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާގިލް ވިދާޅުވީ އެމްޑީޕީ ސަޕޯޓަރުންނަށް އެރަށުގައި ކެމްޕޭން ކުރުމުގެ އެއްވެސް މާހައުލެއް ނެތް ކަމަށާއި، ފުލުހުންގެ އަމަލުތައް ހުރި ގޮތުން އެމީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ބަނދަރުގައި ޖަހާފައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ނަގަނީ

އާގިލް ވިދާޅުވީ ރާއީސް ޔާމިން ބިލެތްފަށްސައް ވަޑައިގަންނަވާ ދުވަހު އެރަށުގެ އެމްޑީޕީ ސަޕޯޓަރުންގެ ހިޔާލާއި ފިކުރު ހުރި ގޮތް ދައްކަން ބޭނުންވާ ކަމަށާއި، އެމީހުންނަށް އެމީހުންގެ ޝުއޫރުފާޅު ކުރުމަށް ފުރުސަތުދޭނެތޯ ބެލުމަށް ފުލުހުންނާއި، ރަށު ކައުންސިލާއި ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރައީސް ޔާމިން ވަޑައިގަންނަވާ ދުވަހު ދުރުގަ ތިބިގެން ވެސް ހިޔާލުފާޅު ކުރަން ފުރުސަތު ލިބިއްޖެއްޔާ އެކަން ކުރާނަން. ހަނި ފުރުސަތެއްދިނަސް އެތިބި ތަނެއްގައި ތިބެގެން އެކަން ކުރާނީ." އާގިލް ވިދާޅުވި އެވެ.

އެމްޑީޕީ ސަޕޯޓަރުންނަކީ ހިތްވަރުގަދަ ބައެއްކަން ފާހަގަކުރައްވައި އާގިލް ވިދާޅުވީ ކެމްޕޭން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ދިދައާއި، ޕޯސްޓަރު ހަރުނުކުރުމަށް ކައުންސިލްގެ ރައީސް ނަސޭހަތްދީފައިވާ ކަމަށާއި، ހައްޔަރުކޮށްފާނެ ކަމުގެ އިޝާރާތެއް އޭނަ ދީފައިވާ ކަމަށް ވެސް އާގިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުން މިހާރު އެނާގެ މައުލޫމާތު ކައުންސިލް މެދުވެރިކޮށް ނަގާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް