ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި އިނގިރޭސިވިލާތް ބަލިކުރުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ގްރޫޕް ޖީގެ އެންމެފަހު މެޗަށް މި ދެޓީމު ނުކުންނައިރު ދެޓީމު ވެސް އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކުއެވެ. ގްރޫޕްގެ އެއްވަނަ ލަނޑުގެ ތަފާތުން އިނގިރޭސިވިލާތަށް ލިބޭއިރު ބެލްޖިއަމް އޮތީ ދެވަނައިގައެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދެވޭނެއެވެ. އެހެން ނަމަވެސް އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާ ޓީމަކަށް ކުރިޔަށް ހުރި ބުރުތަކުގައި ދިމާވާނީ އުނދަގޫ ޓީމުތައް ކަމަށް ބެލެވެއެވެ.
އެހެންކަމުން މި މެޗަށް ނުކުންނައިރު ދެ ޓީމުން ވެސް ބޮޑު ބަދަލުތަކެއް ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ މިވަގުތަށް ބަލާއިރު ޓީމު އޮތީ ކޮލިފައިވެފައިވާ ކަމަށާއި އެއީ މުބާރާތަށް އައިއިރު އެންމެ ފުރަތަމަ ކަނޑައެޅި ޓާގެޓް ކަމަށެވެ. މި މެޗުގައި ވަކިވަކި ކުޅުންތެރިންނަށް ފުރުސަތު ދެވޭތޯ ބަލަން ޖެހޭ ކަމަށާއި ބޭނުންވަނީ ރަނގަޅު މެޗެއް ކުޅެން ކަމަށެވެ. އެހެން ނަމަވެސް މެޗުން މޮޅުވުމަށް މާ ބޮޑު އިސްކަމެއް ނުދޭނެ ކަމަށް މާޓިނޭޒް ބުންޏެވެ.
މިވަގުތު މާޓިނޭޒްގެ ޓީމުގައި ތިން ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗުގައި މިއިން ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކައިފި ނަމަ ދެވަނަ ބުރުގައި ކުޅޭ މެޗުގައި އެ ކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ. އޭނާ ބުނީ އެކުޅުންތެރިން ނޮކްއައުޓް ބުރުގައި ކުޅެން ޖެހޭނެ ކަމަށާއި އެހެންކަމުން މި މެޗުގައި އެކުޅުންތެރިން އެރުވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ނުދެކޭ ކަމަށެވެ.
އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކީ ވެސް ގާބިލު ކުޅުންތެރިޔެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން ބެންޗްގައި ތިބޭ ކުޅުންތެރިން އެރުވި ނަމަވެސް އެކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މި މެޗަކީ އެ ކުޅުންތެރިންނަށް ކުޅުން ދައްކާލުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި އެއީ އެންމެ މުހިންމުވާ ކަން ކަމަށް މާޓިނޭޒް ބުންޏެވެ.
އައު ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް މާޓިނޭޒް ބުނެފައިވާއިރު އޭނާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ތެރޭގައި ހިމެނޭ އެޑެން ހަޒާޑް އަދި ރޮމެލޫ ލުކާކޫއަށް ވަނީ އަނިޔާވެފައެވެ. މި ކުޅުންތެރިންގެ ތެރެއިން ލުކާކޫ ބެލްޖިއަމް އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.
ބެލްޖިއަމްގެ ފުރަތަމަ ދެ މެޗުގައި ނުކުޅޭ ވިންސެންޓް ކޮމްޕެނީ ކުރިޔަށް އޮތް މެޗުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަށް ބެލްޖިއަމް ކުޅުނު ފުރަތަމަ ދެ މެޗުގައި ކުޅެފައިނުވަނީ މި މަހުގެ ކުރީކޮޅު ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
އިނގިރޭސިވިލާތް އަދި ބެލްޖިއަމް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ރޭގަނޑު 23:00 ގައެވެ.