ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 14:38
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ މެދުތެރޭ
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ މެދުތެރޭ
ގެޓީ އިމޭޖަސް
ޑޮނަލްޑް ޓްރަމްޕް
ކިމްއަށް ފަހު ޕުޓިން އާއި ޓްރަމްޕް ބައްދަލުކުރައްވަނީ
ޓްރަމްޕް އާއި ޕުޓިން ބައްދަލުކުރައްވާނީ އެމެރިކާ އާއި ރަޝިޔާއަށް އެއްބަސްވެވޭ ތިންވަނަ ޤައުމެއްގައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ބައްދަލުކުރައްވާފައި ވަނިކޮށް، ކައިރި މުސްތަޤްބަލެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ޓްރަމްޕް ބައްދަލުކުރައްވާނެ ކަމަށް ރަޝިޔާގެ ބައެއް އިސްވެރިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ވެރިކަމުގެ ބާރު، ކްރެމްލިންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް ވެރިއެއް ކަމަށްވާ ޔޫރީ އުޝަކޯވްއާ ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި ޓްރަމްޕާއި ޕުޓިން ބައްދަލުކުރައްވާނީ އެމެރިކާ އާއި ރަޝިޔާއަށް އެއްބަސްވެވޭ ތިންވަނަ ޤައުމެއްގައެވެ. ޓްރަމްޕް އާއި ކިމް ވެސް ބައްދަލުކުރެއްވީ ދެޤައުމެއް އެއްބަސްވެވުނު 3 ވަނަ ޤައުމެއް ކަމަށްވާ ސިންގަޕޫރުގައެވެ. 

އުޝަކޯވް ވިދާޅުވީ މި ބައްދަލުވުމާ ގުޅޭ މަޝްވަރާތައް ވޮޝިންގޓަނާއި މޮސްކޯއާ ދެމެދު ކުރިއަށްދާ ކަމަށާއި، މި ބައްދަލުވުމަކީ ދެ ޤައުމަށް ވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމައަށް ވެސް މުހިއްމު ބައްދަލުވުމަކަށް ވާނެ ކަމަށެވެ. އަދި ބައްދަލުވުން އޮންނާނެ ތާރީޚާއި ތަނެއް ހަފްތާ ނިމުމުގެ ކުރިން އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިބައްދަލުވުން އޮންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޖުލައި މަހުގެ މެދުތެރޭގައެވެ. އުޝަކޯވް ސިފަކުރައްވާ ގޮތުގައި ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުމަކީ ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ބަހުސަށް ވެގެންދާނެއެވެ. 

އެމެރިކާ އާއި ރަޝިޔާގެ ވެރިން ބައްދަލުކުރެއްވުމުގެ ކުރިން ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވަނީ މިހަފްތާގައި ރަޝިޔާއަށް ވަޑައިގެން ކްރެމްލިންގައި ޕުޓިންއާ ބައްދަލުކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ރަޝިޔާ އާއި އެމެރިކާގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ޕުޓިން ދެންނެވި ކަމަށް ވެއެވެ. 

ބޯލްޓަން ވިދާޅުވީ ދެލީޑަރުންގެ ބައްދަލުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް މުހިއްމު ކަމެއް ކަމަށެވެ. 

ޕުޓިން އާއި ޓަރަމްޕްގެ ބައްދަލުވުމަކީ އެމެރިކާގެ އެކުވެރިން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް އިނގިރޭސިވިލާތާއި ނޭޓޯގެ ޤައުމުތަކުން ރަޝިޔާއާ އެކު އޮންނަ ގުޅުން ކުޑަކުރަމުންދާ ދުވަސްވަރެއްގައި ރަޝިޔާއާ ޓްރަމްޕް ގުޅުން ބަދަހިކުރެއްވުމަކީ އެޤައުމުތަކުން ބަލައިގަންނާނެ ކަމެއް ކަމަށް ނުބެލެވެއެވެ. އަނެއްކޮޅުން މިހާރު ވެސް އެމެރިކާގެ ތަހުޤީޤުތަކާ ބެހޭ ފެޑެރަލް އިދާރާ (އެފްބީއައި) އިން ގެންދަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އަށް ރަޝިޔާ އިން އެހީވި ކަމަށް ބުނާ މައްސަލަ ބަލަމުންނެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ބައެއް ސަމިޓްތަކުގެ ހަވާސާގައި ޕުޓިންއާ ބައްދަލުކުރެއްވި ނަމަވެސް، މި ބައްދަލުވުން ވެގެންދާނީ ދެބޭފުޅުންގެ މެދުގައި ބޭއްވޭ ފުރަތަމަ ފުރިހަމަ ބައްދަލުވުމަށެވެ.

- ކޮމެންޓް