ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 09:29
ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ އަދި ފިޝަރީޒް މިނިސްޓަރ ޝައިނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އޮފީހުގެ ބޭރުގައި
ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ އަދި ފިޝަރީޒް މިނިސްޓަރ ޝައިނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އޮފީހުގެ ބޭރުގައި
ސޯޝަލް މީޑިއާ
ދިވެހިރާއްޖެ - އީޔޫ
ވަޒީރުން ވަޑައިގަތުމުން ވެސް އީޔޫއިން ދެއްކީ ފިޔަވަޅު އަޅާ ވާހަކަ!
ރާއްޖޭގެ ގޯސްވަމުންދާ ޑިމޮކްރަސީގެ ޙާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރި
ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިސްލާހުކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ ހަނދާންކޮށްދިން
މިނިވަން އިންސާފުވެރި އިންތިޚާބަކީ ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް މުހިއްމު ކަމެއް

ވިލާތުގެ އިއްތިހާދުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ދިވެހި ސަރުކާރުން ފޮނުވި ވަޒީރުންގެ ވަފުދުގެ ބޭފުޅުންނާއި އެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ އިސް ބޭފުޅުން ބައްދަލުކޮށް، ރާއްޖޭގެ ޙާލަތު އިސްލާހު ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަން އެ އިއްތިޙާދުން ނިންމާފައިވާކަން ހަނދާންކޮށްދީފިއެވެ.

ވިލާތުގެ އިއްތިޙާދުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭއިން ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރެވެ. މި ބޭފުޅުންނާ ބުދަ ދުވަހު ބައްދަލުކުރެއްވީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކްރިސްޓިއަން ލެފްލަރގެ އިތުރުން އެ ސަރވިސް އިން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ވިލާތުގެ އިއްތިިޙާދުން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުންގް-ލައި މާގްއެވެ. 

ބައްދަލުވުމަށް ފަހު ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދިވެހި ވަޒީރުންގެ ވަފުދާއި ބައްދަލުކޮށްފައި ވާކަމަށެވެ. 

މި ބައްދަލުވުމުގައި އީޔޫގެ އޮފިޝަލުން ވަނީ ރާއްޖޭގެ ގޯސްވަމުންދާ ޑިމޮކްރަސީގެ ޙާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ޙާލަތު ރަނގަޅު ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުގެ މެމްބަރު 28 ޤައުމުން ދީފައިވާ އިންޒާރުގެ މަތިންނާއި، އެދުވަހު އެއިއްތިހާދުން ފާހަގަކުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް ވިލާތުގެ އިއްތިޙާދުގެ އޮފިޝަލުން އަލިއަޅުއްވާލެއްވިއެވެ. 

މީގެ އިތުރުން ރާއްޖޭގައި މިއަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސްގެ ނޫސް ބަޔާނުގައި ވެއެވެ. އަދި މިފަދަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ކުރަން ޖެހޭ ކަމެއްގެ އިތުރުން މުސްތަޤްބަލުގައި ރާއްޖެ އާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ވެސް އެއީ މުހިއްމު ކަމެއް ކަމަށް ވިލާތުގެ އިއްތިޙާދުގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއަށް މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށް، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް ވިލާތުގެ އިއްތިޙާދުން ގޮވާލާ ގޮވާލުން ބުދަ ދުވަހު ވެސް އެ އިއްތިޙާދުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ހަމައެއާ އެކު، އިދިކޮޅު ފަރާތްތަކާ އެކު ވާހަކަތައް ބޭއްވުމަށް އެއިއްތިޙާދުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

ވިލާތުގެ އިއްތިޙާދުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ވިދާޅުވީ މި މަޝްވަރާތަކަކީ ރާއްޖެ އާއި ވިލާތުގެ އިއްތިޙާދާ ދެމެދު ގަވާއިދުން ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ސިިލްސިލާގެ ބައެއް ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު މާލޭގައި މަޝްވަރާތައް ބާއްވާފައިވާއިރު، މިފަހަރު ބާއްވަނީ ބްރަސަލްސްގައި ކަމަށާއި، އަންނަ އޮކްޓޯބަރު މަހު އަނެއްކާ ވެސް މާލޭގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުގައި ސިޔާސީ މަސްރަހާ ބެހޭ ގޮތުން ކުރާ މަޝްވަރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމާ ބެހޭ ގޮތުންނާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުންނާއި، ވިލާތުގެ ޤައުމުތަކަށް މަސް އެކްސްޕޯޓްކުރުމާއި ބެހޭ ގޮތުންނާއި، ޝެންޖެން ވިސާގެ ކަންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާ ކަމަށް ޝިޔާން ވިދާޅުވިއެވެ. 

އެހެންނަމަވެސް ވިލާތުގެ އިއްތިޙާދުން ބުދަ ދުވަހު އާއްމުކުރި ނޫސްބަޔާނުގައި އިތުރު ކަމަކާ ގުޅޭ ގޮތުން މަޝްވަރާކުރި ވާހަކަ ހާމަކޮށްފައެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 ޖޫން 2018 | ހުކުރު 18:18
ހައްވަ
ރާއްޖޭގެ މިނިސްޓަރުންނާ އެކޮލުން ބައްދަލުކުރީ ޕިޔޯނުންދޯ؟ ހައް! ހައްހާ