ކ. މާލެ
|
27 ޖޫން 2018 | ބުދަ 23:36
އުއްތަމަ ފަނޑިޔާރުކަމަށް ރުހުންދިން ޑރ. އަހުމަދު އަބްދުﷲ ދީދީ (މ)، ފަނޑިޔާރު އަބްދުﷲ ދީދީ (ކ) އަދި ފަނޑިޔާރު އަބްދުލްޣަނީ (ވ)
އުއްތަމަ ފަނޑިޔާރުކަމަށް ރުހުންދިން ޑރ. އަހުމަދު އަބްދުﷲ ދީދީ (މ)، ފަނޑިޔާރު އަބްދުﷲ ދީދީ (ކ) އަދި ފަނޑިޔާރު އަބްދުލްޣަނީ (ވ)
މިހާރު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރީ ޤާނޫނާއި ހިލާފަށް، އެކަން ބަލައެއް ނުގަންނަން: އިދިކޮޅު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ގެއްލިފައިނުވާއިރު، އެ މަޤާމަށް އިތުރު ފަނޑިޔާރުންތަކެއް އައްޔަން ނުކުރެވޭނެ
މަޖިލީހެއްގެ 36 މެމްބަރުންގެ ވޯޓުން އުއްތަމަ ފަނޑިޔާރެއް އައްޔަނުކުރުމަކީ ލަދު ގަންނަންޖެހޭ ކަމެއް
ފަނޑިޔާރުން އައްޔަނުވެގެންދިޔައީ އިޖުރާތުތަކާއި ހިލާފަށް، ބުއްދިއަށްވެސް ގަބޫލުނުކުރެވޭގޮތަށް

ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު އައްޔަންކޮށް، އެ ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަންކުރީ ޤާނޫނާއި ހިލާފަށް ކަމަށާއި، އެ ވޯޓް ބަލައިނުގަންނަ ކަމަށް އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމަށް ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ނޫސްވެރިިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ގެއްލިފައިނުވާއިރު، އެ މަޤާމަށް އިތުރު ފަނޑިޔާރުންތަކެއް އައްޔަން ނުކުރެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުންގެ މައްސަލާގައި ނިހާއީ ހުކުމެއް އިއްވާފައިނުވާއިރު، އެ ދެ ފަނޑިޔާރުންގެ މަޤާމު ގެއްލިފައިިވާ ކަމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"ނިހާއީ ހުކުމަކަށް މި ބަދަލުވަނީ ސުޕްރީމް ކޯޓުން މައްސަލައެއް ނިންމީމައި. ދެން އަޅުގަނޑުމެން ބަލަންޖެހެނީ ކޯޓުތަކާއި ބެހޭ ޤާނޫނުގައި އޮންނަނީ ކީކޭތޯ. ކޯޓުުތަކާއިބެހޭ ޤާނޫނުގައި އެބައޮވޭ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅިއްޖެނަމަ ފުރަތަމަ އެ މައްސަލައާއި ގުޅޭގޮތުން ރަޖިސްޓްރާ ނިންމުމެއް ނިންމަވާނެއޭ. އެހެންވީމައި ރަޖިސްޓްރާގެ ނިންމެވުމާއި ގުޅޭގޮތުން ހިތް ހަމަނުޖެހިއްޖެނަމަ އެ ނިންމުމެއް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނުގައި އޮވޭ...... ދެ ފަނޑިޔާރުންގެ މައްސަލާގައި މި އައި ރަޖިސްޓްރާގެ ނިންމުމެއް. އެ ނިންމުމުގައި އޮންނަނީ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް. އެ ނިންމުމަކީ ފަނޑިޔާރުންގެ ނިންމުމެއް ނޫން." އަލީ ހުސެއިން ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ 85 މެމްބަރުން ތިއްބަވާ މަޖިލީހެއްގެ 36 މެމްބަރުންގެ ވޯޓުން އުއްތަމަ ފަނޑިޔާރެއް އައްޔަނުކުރުމަކީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮމެޓީއަށް ފަނޑިޔާރުންގެ ނަންތައް ހުށައެޅުނުއިރު، އެ ފަނޑިޔާރުންނާއިގުޅޭ ވަނަވަރު ވެސް ހުށައަޅާފައިނުވާ ކަމަށާއި، އެއީ ކޮންތަނަކުން ކޮން ފެންވަރެއްގެ ތައުލީމެއް ހާސިލް ކޮށްގެން ތިއްބެވި ބޭފުޅުންތަކެއް ވެސް އެނގެން ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ނަމަވެސް މީގެކުރިން ނަމެއް ހުށައެޅޭއިރު، އެ ފަރާތެއްގެ ވަނަވަރަށް ކޮމެޓީން ބަލާ ކަމަށާއި، ކޮމެޓީ މަރުހަލާވެސް ގޮސްފައިވަނީ ރަބަރު ސްޓޭމްޕެއްގެ ގޮތުގައިކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

"ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޤާނޫނީގޮތުން ވަކިނުވެ، އަނެއްކާ އެ މަޤާމަށް ދެ ފަނޑިޔާރުން އައްޔަން ކުރެވިގެންދިޔަ މަންޒަރު. އަޅުގަނޑުގެ ހަމަ ބުއްދި ގަބޫލުކުރާ އުސޫލުން ބަލާއިރުގައިވެސް އެއް ގޮނޑިއެއްގައި މީހަކު އިންދާ އައިސް އަނެއްކާ އެ ގޮނޑީގައި އިތުރު މީހަކު ބޭންދިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ." ރޮޒައިނާ ވިދާޅުވި އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކަންކަން ހިނގައިދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި، މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި އޮތް ރީތި އުސޫލެއް ނެތް ކަމަށެވެ. އަދި ފަނޑިޔާރުން އައްޔަނުވެގެންދިޔައީ އިޖުރާތުތަކާއި ހިލާފަށް ކަމަށާއި، ބުއްދިއަށް ވެސް ގަބޫލުނުކުރެވޭ ގޮތަކަށް ކަމަށް އަނާރާ ވިދާޅުވި އެވެ. 

"ރައްޔިތުން ވަރަށް ބޮޑަށް ސުވާލު އުފައްދާ އަދުލު އިންސާފުގެ ނިޒާމުން ދެން ނިމުންތައް ނިންމިގެން އަންނާނެގޮތާއިމެދު. ރައްޔިތުންނަށް ކަށަވަރުކޮށް އެނަ އެނގެންޖެހޭ ފަނޑިޔާރުކަމަށް އައްޔަންކުރެވޭ ބޭފުޅުންނަކީ މަޤާމަށް ޤާބިލް، ރައްޔިތުންނާއިމެދު ހަމްދަރުދީވާ، ހަމަހަމަކާއި އަދުލުވެރިކަމާއިއެކު އިންސާފުން މައްސަލަތައް ނިންމަދޭނެ ބޭފުޅުންކަމުގައި ވުމަށް." އަނާރާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް