ކ. މާލެ
|
27 ޖޫން 2018 | ބުދަ 15:15
ސުޕްރީމް ކޯޓުފެ ފަނޑިޔާރު ޑރ. ދީދީ
ސުޕްރީމް ކޯޓުފެ ފަނޑިޔާރު ޑރ. ދީދީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމާއި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
އެނަންފުޅުތައް ދިރާސާ ކުރުމަށް މަޖިލިސް ކޮމެޓީއަށް

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް ހުށަހެޅުއްވުމާއި ގުޅިގެން ރައީސް ޔާމީން ވަނީ އެމައްސަލަ މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހަޅުއްވާފަ އެވެ. 

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުاللهދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ޖޭއެސްސީން ނިންމައި، އެކަން ރައީސް ޔާމީންއަށް ހުށަހެޅުވުމާއި ގުޅިގެން އެ މައްސަލައަށް ވެސް ގޮތެއް ނިންމައި ދެއްވުމަށް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. 

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަހުމަދު އަބްދުﷲދީދީ އާއި ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމުގެ މަޤާމަށް ފަނޑިޔާރު ދީދީ އާއި ފަނޑިޔާރު ޣަނީ އައްޔަން ކުރުމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެނަންފުޅުތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމާއި ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ގެއްލިފައިވުމުންނެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންގެ މައްޗަށް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުންނެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. ދީދީ އައްޔަން ކުރުމަށް ޖޭއެސްސީން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ނިންމީ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައީސަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރާ މީހުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުއެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ހުށަހެޅި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރެއްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ހުށަހަޅާފައިވާ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.

އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އިސް ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް