ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި 2017 ވަނަ އަހަރު މަރުވި ޔަމަނުގެ 552 ކުދިންގެ ތެރެއިން 51 އިންސައްތަ ކުދިން މަރުވެ ނުވަތަ އުމުރަށް ނުކުޅެދުންތެރި ވެފައި ވަނީ ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަންގެ ހަމަލާތަކުގައި ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓް އެކްސްކްލޫސިވްކޮށް ލިބިފައި ވަނީ އަލްޖަޒީރާއަށެވެ.
ޔަމަން ހަނގުރާމައިގައި ކުޑަކުދިންގެ ހާލަތުގެ މައްޗަށް އަލިއަޅުވާލައި ޗިލްޑްރަން އެންޑް އާމްޑް ކޮންފްލިކްޓްސް އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1،316 ކުއްޖަކު މަރުވެ ނުވަތަ ނުކުޅެދުންތެރި ކޮށްލާފައިވެއެވެ.
ރިޕޯޓް ކޮމްޕައިލްކޮށްފައި ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލްް އެންޓޯނިއޯ ގުޓަރެސްގެ ސްޓާފުން ކަމަށްވާއިރު ހޯމަ ދުވަހުގެ ރޭ ވަނީ ސަލާމަތީ މަޖިލިހަށް ހުށަހަޅާފައެވެ.
ރިޕޯޓުން ކަށަވަރުކޮށްދީފައިވާ ގޮތުގައި 552 ކުދިންގެ ތެރެއިން 398 ކުދިންނަކީ ފިރެހެން ކުދިންނެވެ. އަދި 154 ކުދިންނަކީ އަންހެން ކުދިން ކަމަށްވާއިރު 370 ކުދިންނަކީ ސީދާ ސައުދީ ކޯލިޝަންގެ ހަމަލާގައި މަރުވި ކުދިންނެވެ.
މީގެ އިތުރުން ހޫޘީންގެ އަތުން 83 ކުދިން މަރުވެ 241 ކުއްޖަކު ޒަޚަމްވެފައިވެއެވެ.
ސަރުކާރަށް ތާއީދުކުރާ ޕޮޕިއުލަރ ރެސިސްޓަންސް ގްރޫޕުން 41 ކުއްޖެއްގެ މަރަށް ޒިންމާ ވާން ޖެހޭއިރު 19 ކުދިން މަރުވެފައި ވަނީ ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ އެހެން ގައުމުތަކުގެ ފަރާތްތަކުގެ އަތުންނެވެ. މީގެ އިތުރުން އަލްގައިދާ އިންދި އެރޭބިއަން ޕެނިންސިއުލާ (އޭކިއުއޭޕީ)ގެ ސަބަބުން 10 ކުއްޖަކު އަދި ޔަމަނުގެ ސިފައިންނާއި އެހެން ފަރާތްތަކުގެ އަތުން ހަތަރު ކުއްޖަކު މަރުވެފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ކުދިން މަރުވެފައި ވަނީ އެއްގަމުގައިކުރި ހަނގުރާމައިގައެވެ.އެގޮތުން ބަޑީގެ ހަމަލާތަކުގައި 136 ކުއްޖަކު މަރުވެ 334 ކުއްޖަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން ދެން އެންމެ ގިނަކުދިން މަރުވެފައިވަނީ ބޮމާއި މައިން ހަމަލާތަކުގައެވެ. އެފަދަ ހަމަލާތަކުގައި 27 ކުއްޖަކު މަރުވެ 119 ކުއްޖަކު ޒަޚަމްވެފައިވެއެވެ.
މި ހަނގުރާމައިގައި ހަނގުރާމަވެރިންގެ ގޮތުގައި ކުޑަކުދިން ބޭނުންކުރާ ކަމަށް ވެސް އދ. ގެ މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކުޑަކުދިން އާއްމުކޮށް ބޭނުންކުރަނީ ޗެކްޕޮއިންޓްތަކާއި ސަރުކާރުގެ އިމާރާތްތައް ގާޑު ކުރުމާއި ޕެޓްރޯލް ކުރުމަށާއި، ފެނާއި ކާބޯތަކެތި އަދި އަސްކަރީ ޕޮޒިޝަންތަކަށް އިކުއިޕްމަންޓް އުފުލައި ދިނުމަށެވެ. އެކި ފަރާތްތަކަށް ހަނގުރާމައިގައި އެހީވުމަށް 76 ކުއްޖަކު މަސައްކަތްކުރާ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.