ކ. މާލެ
|
27 ޖޫން 2018 | ބުދަ 06:32
ޑެންމާކް އަދި ފްރާންސް ކުޅުނު މެޗުގެ ތެރެއިން
ޑެންމާކް އަދި ފްރާންސް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ފްރާންސް އަދި ޑެންމާކްގެ މެޗު، މި ވާރލްޑް ކަޕްގައި ލަނޑެއް ނުފެނުނު ފުރަތަމަ މެޗު
މި ދެ ޓީމުން ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި

ފީފާ ވާރލްޑް ކަޕްގައި ފްރާންސް އަދި ޑެންމާކް ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. މިއީ ވާރލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ތިންވަނަ މެޗަށްވާއިރު އެންމެފަހުން 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މި މެޗާއި ކުރިމަތިލިއިރު ވެސް ފްރާންސަށް އޮތީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައެވެ. ޑެންމާކަށް މި މެޗު އެއްވަރުކޮށްގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތެވެ.

ޑެންމާކް އެންމެފަހުން ކުޅުނު މެޗުގައި ކުޅުނު ފުރަތަމަ އެގާރައިން ތިން ބަދަލެއް ފެނިގެންދިޔައިރު ފްރާންސްގެ ޓީމަށް ހަ ބަދަލެއް އެޓީމުގެ ކޯޗު ވަނީ ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންކުރެ ޓީމަކަށް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މި ހާފުގައި އެއްވެސް ޓީމަކަށް އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުކުރެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޑެންމާކުން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ފޮނުވާލި ހަމަލާއެއް ފްރާންސްގެ ކީޕަރު ދިފާއުކުރިއެވެ. އޭގެ ފަސް މިނެޓު ފަހުން އެރިކްސެން ފޮނުވާލި ހަމަލާއެއް ވެސް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ނަބިލް ފެކިރް ފޮނުވާލި ހަމަލާއެއް ޑެންމާކްގެ ކީޕަރު ކެސްޕަރ ޝްމައިކަލް މަތަކުރިއެވެ.

މި ދެޓީމުގެ މެދުގައި ކުޅެވުނު މެޗަކީ މިއަހަރުގެ ވާރލްޑް ކަޕްގައި ކުޅެވުނު 37 ވަނަ މެޗަށްވާއިރު މިއީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މި ވާރލްޑް ކަޕްގައި އެއްވަރުވި ފުރަތަމަ މެޗުވެސްމެއެވެ. ހަމައެހެންމެ މިއީ ފްރާންސްގެ ތާރީހުގައި ވެސް ވާރލްޑް ކަޕް ގްރޫޕް ފިޔަވަހި އެއްވަނަ މަގާމުގައި އޮވެގެން އެޓީމުން ނިންމާލި ހަތަރުވަނަ ފަހަރެވެ.

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފްރާންސްއިން ހޯދިއިރު ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ ފަސް ޕޮއިންޓްއެވެ. ތިންވަނައިގައި އޮތް ޕެރޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ފުލުގައި އޮތް އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓްއެކެވެ.

ދެވަނަ ބުރުގައި މި ގްރޫޕްއިން އެއްވަނަ ހޯދި ފްރާންސް ނުކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ޑެންމާކް ނުކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

- ކޮމެންޓް