ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކްރޮއޭޝިއާއިން ހޯދައިފިއެވެ.
ގްރޫޕް ފިޔަވަހީގެ އެންމެފަހު މެޗުގައި ކްރޮއޭޝިއާއިން ވަނީ ވާރލްޑް ކަޕްގައި އަލަށް ވާދަކުރި އައިސްލޭންޑް 2-1 އިން ބަލިކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗެވެ.
އައިސްލޭންޑްގެ ފުރަތަމަ އެގާރައިން ތިން ބަދަލެއް ފެނިގެންދިޔައިރު ކްރޮއޭޝިއާގެ ފުރަތަމަ އެގާރައިން ވަނީ ނުވަ ބަދަލެއް ފެނިގެންގޮސްފައެވެ. މި މެޗާއި ކުރިމަތިލިއިރު ކްރޮއޭޝިއާ އޮތީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. އައިސްލޭންޑަށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތީ މި މެޗު ކާމިޔާބުކޮށް އާޖެންޓީނާ ކުޅޭ މެޗުން އާޖެންޓީނާ ބަލިވެގެންނެވެ.
ފުރަތަމަ ހާފު ފެށިގެން ކްރޮއޭޝިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އައިސްލޭންޑްގެ ފަރާތުން ވެސް ކައުންޓާގައި ނުރައްކާކުރުމަށް މަސައްކަތްކުރި ނަމަވެސް އެކުޅުންތެރިންނަށް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އައިސްލޭންޑްއިން ފުރަތަމަ ހާފުގެ އެންމެފަހު ވަގުތު ފޮނުވާލި ހަމަލާއެއް ގޯލަށް ނުވަދެ ދިޔައީ ހަމަ ކިރިޔާއެވެ. އެ ހަމަލާ ސަލާމަތްކުރީ ކްރޮއޭޝިއާގެ ކީޕަރެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިލާން ބަޑޭލް ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު އޭގެ ދެ މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާ ވަނީ ކްރޮއޭޝިއާށް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން އައިސްލޭންޑްގެ ހަމަލާއެއް ވެސް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ގިލްފީ ސިގަރޑްސަން ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާ އައިސްލޭންޑަށް އެއްވަރުކޮށްދީފައެވެ. މިއާއެކު ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އައިސްލޭންޑަށް އައުވެގެންދިޔައިރު މެޗުގެ 90 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހާ ކްރޮއޭޝިއާ މެޗުން މޮޅު ކޮށްދީފައެވެ.
މިއީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ގްރޫޕްގެ އެއްވަނައިގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާއެވެ. ދެވަނަ ހަތަރު ޕޮއިންޓާއެކު އާޖެންޓީނާއަށް ލިބޭއިރު ނައިޖީރިއާއަށް ތިން ޕޮއިންޓާއެކު ލިބެނީ ތިންވަނައެވެ. މި ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ އައިސްލޭންޑްއެވެ.
ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ. ހަމައެހެންމެ ކްރޮއޭޝިއާ ނުކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.