ފީފާ ވާރލްޑް ކަޕްގެ ދެ ވަނަ ބުރުން އާޖެންޓީނާ ޖާގަ ހޯދައިފި އެވެ.
އާޖެންޓީނާ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ފިޔަވަހީގެ އެންމެފަހު މެޗުގައި ނައިޖީރިއާ ބަލިކޮށް ގްރޫޕްގެ ދެވަނަ މަގާމު ހޯދައިގެންނެވެ. ސެއިންޓް ޕީޓަސްބަރގްގައި ހުންނަ ނިއު ޒެނިތު ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މީގެކުރިން ވާރލްޑް ކަޕްގައި މި ދެޓީމު ހަތަރު މެޗު ކުޅެފައިވާއިރު އެ ހަތަރު މެޗު ވެސް ކާމިޔާބުކުރީ އާޖެންޓީނާއެވެ. މި މެޗުން ނައިޖީރިއާ މޮޅުވިނަމަ ނުވަތަ އެއްވަރުވި ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތެވެ. ހަމައެހެންމެ އާޖެންޓީނާއަށް ދެވަނަ ބުރަށް ދެވެން އޮތީ މި މެޗުން މޮޅުވެގެންނެވެ.
ނައިޖީރިއާގެ ޓީމުން ބަދަލެއް ފެނިފައިނުވާއިރު އާޖެންޓީނާގެ ޓީމުން ވަނީ ފަސް ބަދަލެއް ފެނިގެންގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި އާޖެންޓީނާއަށް މެޗުގެ ލީޑު ލިބިގެންދިޔައީ އެވަރ ބަނޭގާގެ ބޯޅައަކުން ކެޕްޓަން ލިއޮނެލް މެސީ ޖަހައިދިން ލަނޑަކުންނެވެ. އޭގެފަހުން ވެސް އާޖެންޓީނާއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހިލޭޖެހުމެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ނައިޖީރިއާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނައިޖީރިއާއިން އެއްވަރުކުރީ މެޗުގެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓަރ މޯސެސް ޖަހައިދިން ލަނޑުންނެވެ.
ނަތީޖާ އެއްވަރުވެފައި އޮތުމާއެކު އާޖެންޓީނާ މުބާރާތުން ކެޓުމުގެ ބިރު އޮތެވެ. މި ބިރާއެކު އެޓީމުން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް ކުރިޔަށް ޖެހިގެން ކުޅެފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ނައިޖީރިއާއިން ޕެނަލްޓީއެއް ހޯދުމަށް އެޕީލްކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ޕެނަލްޓީއެއް ނުދިނުމަށް ނިންމާފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި އަލުން އަނބުރާ އާޖެންޓީނާއަށް ލީޑު ނަގައިދިނީ މާކޯސް ރޯހޯއެވެ. އޭނާ މި ލަނޑު ޖެހީ ގެބްރިއެލް މަކާޑޯ ނަގައިދިން ހުރަހަކުންނެވެ.
މި މެޗުގައި މެސީ ޖެހި ލަނޑު ވެގެންދިޔައީ މިއަހަރުގެ ވާރލްޑް ކަޕްގައި ހުރިހާ މެޗެއް އެއްކޮށް ޖެހި 100 ވަނަ ލަނޑެވެ.
ގްރޫޕްގެ އެއްވަނައިގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާއެވެ. ދެވަނަ ހަތަރު ޕޮއިންޓާއެކު އާޖެންޓީނާއަށް ލިބޭއިރު ނައިޖީރިއާއަށް ތިން ޕޮއިންޓާއެކު ލިބެނީ ތިންވަނައެވެ. މި ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ އައިސްލޭންޑްއެވެ.
ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ. ހަމައެހެންމެ ކްރޮއޭޝިއާ ނުކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.