ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 22:48
ހާލުގައި ޖެހިފައިވާ އާއިލާއަށް އޭޑީކޭއިން އެހީ ފޯރު ކޮށްދެނީ
ހާލުގައި ޖެހިފައިވާ އާއިލާއަށް އޭޑީކޭއިން އެހީ ފޯރު ކޮށްދެނީ
އޭޑީކޭ ޖެނެރަލ ޓްރޭޑިންގ
އޭޑީކޭ ސީއެސްއާރު
ހާލުގައި ޖެހިފައިވާ އާއިލާއަކަށް އޭޑީކޭ އިން އެހީ ފޯރުކޮށްދީފި
ބޭނުން ޖެހިފައިވާ އާއިލާތަކުގެ ދިރާސާއެއް ކުރި
އެހީވެފައިވަނީ 11 މީހުންގެ އާއިލާއަކަށް

ދިރިއުޅުމުގައި އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ނުކުޅެދޭ އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންތައް ތިބި އާއިލާއަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގް އިން އީދު ދުވަހާ ދިމާކޮށް އެހީ ފޯރުކޮށްދީފިއެވެ.

އޭޑީކޭ އިން އދ. އޮމަދޫގެ އެ އާއިލައަށް އެހީ ފޯރު ކޮށްދޭން ނިންމީ އޮމަދޫއަށް ގޮސް ބޭނުން ޖެހިފައިވާ އާއިލާތަކުގެ ދިރާސާއެއް ކުރުމަށް ފަހުއެވެ. އޭޑީކޭގެ މުވައްޒަފުން ވަނީ ދެ ފަހަރެއްގެ މަތިން އޮމަދޫއަށް ގޮސްފައެވެ. މި ދަތުރުތަކުގައި އެކުންފުނިން ވަނީ އެހީ ފޯރުކޮށްދޭން ނިންމި އާއިލާއަށް ބޭނުންވާ އަސާސީ ޚިދުތްތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރެވެން ހުރި ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

އެ ދެ ދަތުރުގައި އޭޑީކޭގެ މުވައްޒަފުންގެ އިތުރުން ނުކުޅެދުންތެރިކަމުގެ އެމްބެސެޑަރެއްގެ ގޮތުން މަސައްކަތްކުރެއްވި އަހްމަދު ހިޝާން އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ (އެޗްރާސީއެމްގެ) މުވައްޒަފެއް ވެސް ވަނީ ބައިވެރި ވެފައެވެ. 

ހިސާންގެ ލަފާގެ މަތިން އޭޑީކޭ އިން އެހީވުމަށް ނިންމީ އެ ރަށުގެ 11 މީހުންގެ އާއިލާއަކަށެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންތައް ވެސް ތިބޭ މި އާއިލާ ބަލަމުން އަންނަނީ އެންމެ މީހެކެވެ. އެ މީހަކީ އެގޭގައި އުޅޭ ކުއްޖަކާ ކައިވެނި ކޮށްގެން އުޅެމުން އަންނަ މީހެކެވެ.

އެގެއަށް އެހީވުމުގެ ގޮތުން މަސައްކަތްތައް އޭޑީކޭއިން ކުރިއަށް ގެންގޮސްފައި ވަނީ ދެ ދުވަހަށް ބަހާލައި ގެންނެވެ. އޭޑީކޭގެ މި ޕްރޮގްރާމަށް ދަމާސްގެ ފަރާތުން ވަނީ ފަރުނީޗަރު ހަދިޔާކޮށްފައެވެ.

އެ ގޭގައި ކުލަލުމާއި، ޓައިލްސް ޖެހުމާއި، ފާޚާނާ ހެދުމުގެ އިތުރުން ގެ މަރާމާތުކޮށްފައި ވަނީ ވެސް އޭޑީކޭގެ މުވައްޒަފުންނެވެ.

އޭޑީކޭއިން ވަނީ އީދު ދުވަހާ ދިމާކޮށް އާއިލާ އަށް ހެދުމާއި ހަދިޔާ ދިނުމުގެ އިތުރުން މެންދުރު ވަގުތުގައި ވަރަށް ޚާއްސަ ކެއުމެއް ވެސް އެ އާއިލާއަށް ދީފައި ވެއެވެ.

ސޯލްޓް ކެފޭގައި އަންގާރަ ދުވަހު އޭޑީކޭއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮޕަރޭޝަން އެންޑް މާކެޓިންގް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ އެ ހަރަކާތަކީ ސްޓާފުންނަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ފެނުނު މަންޒަރުތަކުން ހިތަށް ވަރަށް އަސަރު ކުރި ކަމަށެވެ. އަދި މި ހަރާކާތުގެ ސަބަބުން އެހެން ފަރާތަކަށް އެހީއެއް ފޯރުކޮށްދެވުނީތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޑީކޭގެ މި ހަރަކާތް ސްޕޮންސަރކޮށްފައި ވަނީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މާސްޓާ ޝެފްގެ ފަރާތުންނެވެ. 

- ކޮމެންޓް