އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ކުޅުނު މެޗުތައް ބަނޑޮސް އައިލެންޑް ރިސޯޓާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބަނޑޮސް އައިލެންޑް ރިސޯޓުން ވަނީ ތިން ސެޓު އެއް ސެޓުން މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-15 އިން ބަނޑޮސް ގެންދިޔައިރު ދެވަނަ ސެޓު 25-23 އިން ގެންދިޔައީ މީރު އައިލެންޑެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ބަނޑޮސް ގެންދިޔައީ 25-21 އަދި 25-10 އިންނެވެ. މިވެސް ޒޯން އެކެއްގެ މެޗެކެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮހުގެ ޖާޒީ ނަމްބަރު 10 އަހުމަދު އަބްދުލް ކަރީމްއެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށުން ވަނީ ސީދާ ތިން ސެޓުން ކުރުނބާ މޯލްޑިވްސް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވަން އެންޑް އޮންލީ ގެންދިޔައީ 25-16، 25-18 އަދި 25-17 އިންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވަން އެންޑް އޮންލީގެ ޖާޒީ ނަމްބަރު ހަތަރެއް އަލީ މައުރޫފްއެވެ. މިއީ ޒޯން އެކެއްގެ މެޗެކެވެ.
ޒޯން އެކެއްގައި މި ހަތަރު ޓީމުގެ އިތުރުން ހިމެނެނީ ފޯ ސީޒަނާއި ޝެރަޓަން މޯލްޑިވްސްގެ އިތުރުން ގްރޭންޑް ޕާކް ކޮއްދިއްޕަރެވެ.
ޒޯން ދޭއްގައި ހިމެނެނީ ހޮލިޑޭއިން ކަނޑުމާ އާއި ވެލައްސަރު މޯލްޑިވްސް އަދި ޖުމެއިރާ ވިއްޓަވެލިގެ އިތުރުން އަދާރަން ޕްރެސްޓީޖް ވާދޫއެވެ. ޒޯން ތިނެއްގައި ހިމެނެނީ ނިޔާމަ ޕްރައިވެޓް އައިލެންޑް އަދި ކަނޑިމާ މޯލްޑިވްސްއެވެ. ހަމައެހެންމެ ޒޯން ހަތަރެއްގައި ހިމެނެނީ ޑަބްލިއު މޯލްޑިވްސް އާއި ވިލަމެންދޫ އައިލެންޑް ރިސޯޓްގެ އިތުރުން ކޮންރަޑް މޮލްޑިވްސްއެވެ. ޒޯން ފަހައްގައި އޮތީ ޑުސިތު ތާނީ އަދި ވައްކަރު މޯލްޑިވްސްގެ އިތުރުން ސޮނެވާ ފުށްޓެވެ.
މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަންސް ލީގު ސޮނެވާ ފުށި ބަލިކޮށް ކާމިޔާބުކުރީ އަނަންތަރާ ކިހަވަށް ރިސޯޓެވެ. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި އަނަންތަރާ ނުކުޅެއެވެ.