ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 16:39
ސުޕްރީމް ކޯޓު ހިންގާ އިމާރާތުގެ ބޭރު:- އެ ކޯޓަށް ދެ ފަނޑިޔާރުން ދަނީ ހޯދަމުން
ސުޕްރީމް ކޯޓު ހިންގާ އިމާރާތުގެ ބޭރު:- އެ ކޯޓަށް ދެ ފަނޑިޔާރުން ދަނީ ހޯދަމުން
މުހައްމަދު ޝަރުހާން
ހައި ކޯޓް
ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަނީ
ހައި ކޯޓުގެ ފަނޑިޔާރަކަށް މަހަކު ބައި ލައްކަ ރުފިޔާ ލިބޭނެ
މިހާރު އެ ކޯޓުގައި ތިއްބެވީ ނުވަ ފަނޑިޔާރުން

ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސާވީސް ކޮމިޝަނުން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނުގައި ވަނީ ހައިކޯޓަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިންނެވެ.    

ހައި ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000ރ. ލިބޭއިރު ލިވިންސް އެލަވަންސް ގޮތުގައި 15،000ރ. ލިބެއެވެ. އަދި އޭގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭއިރު ހައިކޯޓުގެ ފަނޑިޔާރަކަށް މަހަކު ބައި ލައްކަ ރުފިޔާ ލިބޭނެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގެ ދަށުން ހައި ކޯޓުގައި މިހާރު ތިއްބަވާނީ ޖުމްލަ 11 ފަނޑިޔާރުންނެވެ. އެއީ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ގޮތްޕެއް ހަދައި އެއިން ކޮންމެ ތަނެއްގައި ތިން ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އަދި މާލޭގައި ފަސް ފަނޑިޔާރުން ތިއްބަވާ ގޮތަކަށެވެ ނަމަވެސް ގާނޫނަށް ގެނައި އެ ބަދަލާ އެއްގޮތަށް ދެކުނާއި އުތުރުގައި ހައި ކޯޓުގެ ގޮފިތައް ނުހިނގާ އިރު މިހާރު ހުރިހާ ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ވެސް މާލޭގައި ހުންނަ ހައި ކޯޓުގައިއެވެ.

އެ ކޯޓުގައި މިހާރު ތިއްބަވީ ނުވަ ފަނޑިޔާރުންވެ. އެއީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ހައި ކޯޓަށް ދެ ފަޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް