ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 08:12
އެމްޑީޕީ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އުކުޅަހުގައި ކުރިއަށްދަނީ
އެމްޑީޕީ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އުކުޅަހުގައި ކުރިއަށްދަނީ
އެމްޑީޕީ
އެމްޑީޕީ ކޮންގްރެސް
ކޮންގްރެސްއަށް އުކުޅަސް ފޯރީގައި ތައްޔާރުވަނީ
ކޮންގްރެސް އޮންނާނީ ޖޫން 30ގައި

މިމަހުގެ 30 ވަނަ ދުވަހު އއ. އުކުޅަހުގައި ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާޚިލާފު ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އެރަށުގައި ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.

ކޮންގްރެސްއަށް އެރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮންގްރެސްގެ ތެރެއިން އުކުޅަހުގައި އޮންނަ ހަރަކާތްތައް ކުރިއަށްގެންދާ ޓެންޓް ހެދުމުގެ މަސައްކަތް ރޭވެސް އެރަށުގައި ކުރިއަށް ދިޔައެވެ. އަދި އެރަށަށް ވަޑައިގަންނަވާ ހާހަކަށްވުރެ ގިނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެރަށުގެ އެމްޑީޕީ މެމްބަރުން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން ކޮންގްރެސްއަށް ތައްޔާރުވުމަށް މާލޭގައި ޕާޓީގެ މައި އޮފީހުގައި ބާއްވާ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އިތުރުން އުކުޅަހުގައިވެސް ކަމާއި ބެހޭ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށްދާކަމަށް އެޕާޓީއިން ބުނެއެވެ.

ޖޫން 30ގައި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބޭއްވުމަށް އެޕާޓީއިން ތައްޔާރުވަމުންދާއިރު، ގިނަ އަދަދެއްގެ ކޮންގްރެސްމަނުންނާއިއެކު މާލެއިން ބޭރުގައި ކޮންގްރެސް ބާއްވަން ޖެހުނީ މާލޭގައި ކޮންގްރެސް ބާއްވާނެތަނެއް ސަރުކާރުން ނުދިނުމުންކަމަށް އެމްޑީޕީއިން ބުނެއެވެ.

ކޮންގްރެސްއަށް ތައްޔާރުވުމާއި ބެހޭ ބައްދަލުވުމެއް އުކުޅަހުގައި ކުރިއަށްދަނީ

އުކުޅަހަކީ މާލެއާއި ކައިރި ރަށްތަކުގެ ތެރެއިން އެމްޑީޕީގެ ތާޢީދު އެންމެ ބޮޑު އެއްރަށެވެ. އަދި އަރި އަތޮޅަކީ އެމްޑީޕީގެ އިތުރުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތާޢީދު ބޮޑު ސަރަހައްދެކެވެ. އަންނަ ހުކުރު ދުވަހު ކޮންގްރެސްގެ ރަޖިސްޓްރޭޝަން މަސައްކަތްތައް ކުރުމަށްފަހު އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާ މެމްބަރުން އުކުޅަހަށް ދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނެވެ. އަދި އެދުވަހު އެރަށުގައި ބާއްވާ ހަރަކާތްތަކަށްފަހު ހަމަ އެދުވަހު ކޮންގްރެސް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންގްރެސްއަށް އެންމެ ފަހުގެ ތައްޔާރީތައް އުކުޅަހުގައި ވަމުންދާއިރު، އަންގާރަ ދުވަހަކީ އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހެވެ. އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވަނީ އަހަރީ ދުވަހުގެ ހެޔޮ އެެދުންތައް އެޕާޓީގެ މެމްބަރުންނަށް ފޮނުއްވާފައެވެ. 

އެމްޑީޕީގެ އަހަރީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ކޮންގްރެސްއާއި ދިމާކޮށް ހަފްތާ ބަންދުގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް