ކ. މާލެ
|
25 ޖޫން 2018 | ހޯމަ 23:29
ކަވާނީ ލަނޑު ޖެހުމަށްފަހު ގޯޑިން އާއެކު އުފާފާޅުކުރަނީ - އޭނާ ވަނީ ފާއިތުވެދިޔަ ތިން ވާރލްޑް ކަޕްގައި ވެސް އުރުގުއޭއަށް ލަނޑު ޖަހައިދީފައި
ކަވާނީ ލަނޑު ޖެހުމަށްފަހު ގޯޑިން އާއެކު އުފާފާޅުކުރަނީ - އޭނާ ވަނީ ފާއިތުވެދިޔަ ތިން ވާރލްޑް ކަޕްގައި ވެސް އުރުގުއޭއަށް ލަނޑު ޖަހައިދީފައި
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ދެވަނަ ބުރަށް
އުރުގުއޭ ވަނީ 3-0 އިން ރަޝިއާ ބަލިކޮށްފައި
އުރުގުއޭ ކުޅެން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ދެކޮޅަށް
ރަޝިއާ ކުޅެން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ދެކޮޅަށް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް އޭގެ އެެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް އުރުގުއޭ ކޮލިފައިވެއްޖެއެވެ. 

އުރުގުއޭ ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކުރީ ކޮސްމޯސް އެރީނާގައި ރަޝިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ ކުރިން ރަޝިއާ އަތުން އުރުގުއޭ މޮޅުވެފައި އޮތީ 1970 ވަނަ އަހަރުގެ ވާރލްޑް ކަޕްގައެވެ. މި މެޗު ވެގެންދިޔައީ އުރުގުއޭގެ ގައުމީ ޓީމަށް އެގައުމުގެ ކީޕަރު ފެނާންޑޯ މުސްލޭރާ ކުޅުނު 100 ވަނަ މެޗަށެވެ. ސައުދީ އަތުން މޮޅުވި އުރުގުއޭގެ ޓީމަށް ހަތަރު ބަދަލެއް މި މެޗުގައި ގެނައިރު އަނިޔާގެ ސަބަބުން ހޯސޭ މާރިއާ ހިމޭނޭޒް ކުޅެފައެއް ނުވެއެވެ. ހަމައެހެންމެ ރަޝިއާގެ ޓީމުން ވަނީ މި މެޗަށް ނުކުތްއިރު ތިން ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން އުރުގުއޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އުރުގުއޭއިން އުފެއްދި ހަމަލާތައް ރަޝިއާއަށް ހުއްޓުވުމަށް އުނދަގޫތަކާއި ކުރިމަތިވިއެވެ. އުރުގުއޭގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ހިލޭ ޖެހުމަކުން އެޓީމަށް ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. މި މެޗުގައި އުރުގުއޭއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 23 ވަނަ މިނެޓުގައި ރަޝިއާގެ ޑެނިސް ޗެރިޝޭވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފުގައި ރަޝިއާއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުގެ އިގޯރ ސްމޮލިނޮކޯވްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކުއެވެ. މީގެފަހުން އުރުގުއޭއިން މެޗުގެ ކޮންޓްރޯލް އެއްކޮށް ނެގި ނަމަވެސް އެޓީމަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ދެވަނަ ހާފު އުރުގުއޭއިން ފެށިއިރު 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރަޝިއާއިން ވަނީ ޑިފެންސިވް ގޭމެއް ކުޅެފައެވެ. ރަޝިއާގެ ކުޅުންތެރިން ވެސް ވަނީ ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެއް ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔުމާއެކު އުރުގުއޭގެ ގޯލާއި ހަމަޔަށް މާ ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އުރުގުއޭއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ރަޝިއާގެ ކީޕަރު އިގޯރ އަކިންފޭވްއެވެ. އެހެން ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި ލަނޑެއް ޖަހާ ކަވާނީ ވަނީ އުރުގުއޭއަށް މެޗުން ތިން ޕޮއިންޓް ހޯދައިދީ ގްރޫޕްގެ އެއްވަނަ އެޓީމަށް ކަށަވަރުކޮޮށްދީފައެވެ. 

ދެވަނަ ބުރުން އުރުގުއޭ ޖާގަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަ ނުދީއެވެ. އުރުގުއޭ ވެގެންދިޔައީ 1998 ވަނަ އަހަރު ކުޅުނު އާޖެންޓީނާގެ ފަހުން ގްރޫޕް ފިޔަވަހީގެ ހުރިހާ މެޗެއް ބައިކޮޅަށް ލަނޑެއް ވަނަނުދީ ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

ގްރޫޕްގެ އެއްވަނަ ނުވަ ޕޮއިންޓާއެކު އުރުގުއޭ ހޯދިއިރު ދެވަނަ ހޯދި ރަޝިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓްއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ސައުދީ އަރަބިއްުޔާ އޮތްއިރު ތާވަލުގެ ފުލުގައި އޮތް މިސްރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. 

ދެވަނަ ބުރުގައި އުރުގުއޭ ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއިއެވެ. ހަމައެހެންމެ ރަޝިއާ ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ދެކޮޅަށެވެ. 

- ކޮމެންޓް