އީރާނާ އެކު ކުރަމުންދާ ތެލުގެ ވިޔަފާރި ވަގުތުން ވަގުތަށް ހުއްޓާލުމަށް ޖަޕާނުގެ ސަރުކާރަށް އެމެރިކާ އިން ގޮވާލާފިއެވެ.
އެމެރިކާ އިން މިހެން ގޮވާލާފައި ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަނދަ ކުރުމުގެ ގޮތުންނެވެ. އެމެރިކާ އިން ދަނީ އެކުވެރި ގައުމުތަކުގެ ކައިރިން އީރާނާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް އެއްކޮށް ކަޑާލުމަށް ގޮވާލަމުންވެ.
ނޫސް އޭޖެންސީ ކަމަށްވާ ބްލޫމްބާގުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގުޅުން ކަނޑާލުމަށް އެމެރިކާ އިން ގޮވާލާފައި ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި ހަފްތާގައި ބޭއްވި ދެ ގައުމުގެ ދެމެދުގެ ބައްދަލުވުމެއްގައެވެ. އެހެން ނަމަވެސް މި ގޮވާލުމަށް ޖަޕާނުން ވަކި ގޮތެއް އަދިއެއް ނުނިންމައެވެ. ދެ ގައުމުގެ ދެމެދުގައި މިކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަން ހަމަޖެހިފައިވާ ކަމަށް ބްލޫމްބާގް އިން ބުނެއެވެ.
އެމެރިކާގެ ބަސްމަގު ހުރި ގޮތަށް ބަލާއިރު އެ ގައުމުން މިހާރު އީރާނާ ދެކޮޅަށް އަޅަން އުޅޭ ފިޔަވަޅުތަކަކީ 2012 ވަނަ އަހަރު އެޅި ފިޔަވަޅުތަކަށް ވުރެ ވެސް ވަރުގަދަ ފިޔަވަޅު ތަކެކެވެ. އޭރު އެމެރިކާ އިން އެދުނީ އެކުވެރި ގައުމުތަކުން އީރާނާ އެކު ކުރާ ތެލުގެ ވިޔަފާރި އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، މަދު ކުރުމަށެވެ. ހަމަ އެހެންމެ އެދުވަސް ވަރަކީ އީރާނުން އެއްވެސް ކަހަލަ ނިއުކްލިއާ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި ނުވާ ދުވަސް ވަރެއް ވެސް މެއެވެ.
އޭޝިއާގެ ބައްރުން ހަތަރުވަނައަށް އެންމެ ގިނައިން އީރާނުގެ ތެޔޮ ގެންނަ ގައުމަކީ ޖަޕާނެވެ. އެ ގައުމުން އަހަރަކު ތެރޭ އެތެރެކުރާ ތެލުގެ 5.3 އިންސައްތައިގެ ތެޔޮ ގެންނަނީ އީރާނުންނެވެ. އެއީ ދުވާލެއްގެ މައްޗަށް 172،000 ފީފާގެ ތެލެވެ.
ޖަޕާނުގެ ތެޔޮ ސާފްކުރާ ކުންފުނިތަކުން ބުނީ އެ މީހުންގެ މެޝިނަރީތަށް ޚާއްސަ ކޮށްފައި ވަނީ އީރާނުގެ ތެލަށް ކަމުގައި ވީނަމަވެސް މެދު އިރުމަތިން ނަގާ ތެޔޮ ވެސް އެމީހުންގެ މެޝިނަރީން ސާފު ކުރެވޭނޭ ކަމަށެވެ.
ޖަޕާނުގެ ސަރުކާރަށް އެމެރިކާ އިން ގޮވާލި ގޮވާލުން ދިރާސާކުރާ ފަރާތްތަކުން ސިފަކުރަނީ އުކުޅެއްގެ ގޮތުގައެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ފެށެން ބޯމަތިވެފައި ވަނިކޮށް ޖަޕާނުން އަމަލު ކުރާ ގޮތެއް ބަލަން އެމެރިކާ އިން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.